ޚަބަރު

ބެލްކަނި ވެއްޓި އަނިޔާވީ ވައްކަންކުރަން ވަތް މީހާއަށް


މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިފައިވަނީ ވައްކަން ކުރަން އެގެއަށް ވަތްމީހަކު ބެލްކަނިން ފުންމާލި ވަގުތުކަމަށެވެ. މ.ނޫބަހާރުގޭގެ ބެލްކަންޏާއެކު މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭގެ 2329 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ ބެލްކަނި ވެއްޓެން މެދުވެރިވީ އެގެއަށް ވައްކަން ކުރަން ވަތްމީހަކު ބެލްކަނިން ފުންމާލުމުގެ ސަބަބުން ކަމަށެވެ. އަދި މިޙާދިސާގައި އަނިޔާވެފައިވަނީ ބެލްކަނިން ފުންމާލި މީހާއަށްކަމަށާއި، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަޙުގީގު ކުރަމުން އަންނަކަމަށެވެ.