ދުނިޔޭގެ ވިޔަފާރި

ފުއްޕާހަމުގެ މައްސަލައިގައި އެމެރިކާއިން ޗައިނާގެ 6 ކުންފުންޏެއް ބްލެކްލިސްޓް!


ޗައިނާގެ އޭރޯ ސްޕޭސް ޕްރޮގްރާމްތައް ހިންގާ 6 ކުންފުންޏެއް އެމެރިކާއިން ބްލެކްލިސްޓްކޮށްފިއެވެ.

ޗައިނާގެ 6 ކުންފުންޏެއް އެމެރިކާއިން ހުކުރުދުވަހު ބްލެކްލިސްޓްކުރީ ޗައިނާގެ ޖާސޫސްކުރަން ބޭނުންކުރާ ފުއްޕާހަމެއްކަމަށް އެމެރިކާ ސަރަހައްދަށް އެތެރެވި މައްސަލައިގައެވެ.

އެމެރިކާގެ ކޮމާރސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ބްލެކް ލިސްޓުކޮށްފައިވާ ފަސް ކުންފުންޏާއި އެއް ރިސާރޗް އިންސްޓިޓިއުޓް ބްލެކް ލިސްޓުކުރީ ޗައިނާގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެފައިވާތީކަމަށެވެ.

ބްލެކްލިސްޓް ކުރި ހަ ކުންފުންޏަކީ ޗައިނާގެ އަސްކަރީ ގާބިލުކަން ޒަމާނީ ކުރުމަށް އެހީތެރިވާ ކުންފުނިތަކެއްކަމަށް ޔޫއެސް ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީންވެސް ވަނީ ބުނެފައެވެ.

އެމެރިކާއިން ބްލެކްލިސްޓް ކުރި 6 ކުންފުންޏަކީ ބެއިޖިން ނަންޖިއާން އޭރޯސްޕޭސް ކޯ އާއި ޗައިނާ އެލެކްޓްރޯނިކްސް ޓެކްނޮލޮޖީ ގުރޫޕް ކޯޕަރޭޝަން 48ގެ ރިސާޗް އިންސްޓިޓިއުޓް އާއި ޑޮންގުއާން ލިންކޮން ރިމޯޓް ސެންސިން ޓެކްނޮލޮޖީ ކޯ އާއި އީގަލްސް މެން އޭވިއޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީ ގުރޫޕް ކޯގެ އިތުރުން ގުއާންޒޫ ޓިއާން-ހައި-ޒިއާން އޭވިއޭޝަން ޓޭކްނޮލޮޖީ ކޯ އަދި ޝަންޒީ އީގަލްސް މެން އޭވިއޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގުރޫޕްކޯއެވެ.

އެމެރިކާއިން ބްލެކްލިސްޓް ކުރުމުން މި ކުންފުނިތަކަށް އެމެރިކާއަށް ޓެކްނޮލިޖީ ސަމާނު އެތެރެއެއް ނުކުރެވޭނެއެވެ.

އެމެރިކާގެ ވައިގެ ތެރެއިން ފެނިގެން ޗައިނާގެ ޖާސޫސީ ފުއްޕާހަމަކީ ޗައިނާގެ އަސްކަރިއްޔާއާ ސީދާ ގުޅުން އޮތް ކުންފުންޏެއްކަމަށްވެސް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ މި ފިޔަވަޅާއި ގުޅިގެން ޗައިނާއިން މިހާތަނަށް ވަހަކަ ދައްކާފައެއް ނުވެއެވެ.