ޚަބަރު

ޖަޒީރާވަންތަ ތަރައްޤީގައި ރައީސް ޞާލިޙު ބައްޔެއް ނުކުރެވޭނެ: ޢާޒިމް


ޖަޒީރާވަންތަ ތަރައްޤީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބަލިކޮށްލެއްވުމަކީ ވާނޭކަމެއް ނޫންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އާޒިމް ވިދާޅުވީ ކުޑަބަނޑޮހުގެ ބަދަލުގައި ރައީސް ޞާލިޙު ތަރައްޤީ ކުރެއްވި ކުޑަގިރިއަކީ އޭގެ ދެގުނަ ބޮޑު ރަށެއް ކަމަށެވެ. މިއީ މާލޭ ރައްޔިތުންނަށް ރައީސް ފުއްދަވައިދެއްވި މުހިންމު ވައުދުފުޅެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ދެކުނާއި އުތުރަށް އައިސްފައިވާ ތަރައްގީ އާއި، ކ. އަތޮޅުގެ މި މަޝްރޫޢުއަށް އެކަނި ބަލާލުމުން ވެސް ތަރައްޤީގެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރުއްވި ރައީސަކީ ރައީސް ޞާލިހުކަން އެނގިގެންދާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

"ރައީސް ސާލިޙުގެ ވެރިކަމަކީ ރާއްޖެ ދުއް އެންމެ "ބަރާބަރު ސަރުކާރު". އަދި ޖަޒީރާވަންތަ ތަރައްޤީގައި ރައީސް ސާލިޙު ބަލިކޮށްލެއްވުމަކީ "ނާމުމްކިން، އިމްޕޮސިބަލް" ކަމެއް." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.


އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ވެރިކަމުގައި ކޮންމެ 11 ދުވަހަކުން ތަރައްޤީގެ މަޝްރޫޢުއެއް ނިންމަމުންދާކަމަށެވެ. މިގޮތުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި 135 މަޝްރޫޢުއެއް ހަމައެކަނި އެކުންފުނިންވެސް ނިންމާފައިވާކަމަށާއި، މިހާރުވެސް 130 މަޝްރޫޢޫއެއްގެ މަސައްކަތް ނިންމަމުން އަންނަކަމަށެވެ.

އަދި މި ސަރުކާރުގައި މާފުއްޓާއި، ހުރާ އަދި ގުރައިދޫގެ ބިން ހިއްކަވާ ދެއްވައި އެ ރަށުގެ ޕިކްނިން އައިލެންޑް ވެސް މި ދައުރުގައި ނިންމަވާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަދު މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުއްވައިދެއްވި ޕިކްނިން އައިލެންޑަކީ ރައީސްގެ ވައުދުފުޅާ އެކު ރައްޔިތުންނަށް ހަދިޔާކޮށްދެއްވި ރަށެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.