ޚަބަރު

ބަންދު ދުވަސްތަކުގައި ކުޑަގިރިން އާއްމު ހުރިހާ ޚިދުމަތެއް ހިލޭ


ކުޑަގިރި ޕިކްނިކް އައިލެންޑުން ބަންދު ދުވަސްތަކުގައި ދޭ އެއްވެސް އާއްމު ޚިދުމަތަކަށް ފީއެއް ނުނަގާނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. ސަރުކާރުން ނިންމާފައިވަނީ ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި، ރަށް ދިވެހިންނަށް ޚާއްސަކޮށް، އާއްމު ޚިދުމަތްތަކުން އެއްވެސް ފީއެއް ނުނެގުމަށެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާއިރު، އެތަނުގެ ޚިދުމަތްތައް ރޭވިފައިވާ ގޮތްތަކާއި، އަދި ފީ ނަގާ ޚިދުމަތްތަކުގެ އަގުގެ ތަފްސީލްތައްވެސް އެޗްޑީސީން ވަނީ ޙިއްސާކުރައްވާފައެވެ.

އާއްމު ޚިދުމަތްތައް ކުޑަގިރިން މުޅިން ހިލޭ!

ސަރުކާރުން އެންމެ ފުރަތަމަވެސް ހާމަކޮށްފައިވާގޮތަށް، ކުޑަގިރިއަށް ސަރުކާރު ބަންދު ދުވަސްތަކުގައި ދަތުރުކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އެގޮތުން ރަށަށް ދަތުރުކުރާ ފެރީގެ އަގާއި، އަދި ރަށަށް އެރުމަށް ކަނޑައަޅާފައިވާ އެންޓްރެންސް ފީ ވެސް މި ދުވަސްތަކުގައި ނުނަގާނެއެވެ.

އަދި ރަށުގައި ޤާއިމުކޮށްފައިވާ އާއްމު އެއްވެސް ޚިދުމަތަކުން އަގެއް ނުނަގާނެއެވެ. އެގޮތުން ފާޚާނަތަކާއި، އަދި ޗޭންޖިން ރޫމް ބޭނުންކުރުމަށްވެސް އެއްވެސް ފީއެއް ނުނަގާނެއެވެ. މި ޚިދުމަތަކީ ހަފްތާގެ ކޮންމެ ދުވަހެއްގައިވެސް ހިލޭ ދޭނެ ޚިދުމަތްތަކެވެ.

އަދި ބާބަކިއު އޭރިއާތަކުގައި ހުރި ގްރިލްތަކަކީވެސް އެއްވެސް ފީއެއް ނެގުމަކާ ނުލާ ދޫކުރާ ތަކެއްޗެވެ.

ކުޑަގިރީގައި ކުޑަކުދިންނަށް ޚާއްސަ ފެސިލިޓީތައްވެސް ރަށުތެރޭގެ އެކި ހިސާބުތަކުގައި ވަނީ ހަދާފައެވެ. އެގޮތުން ރަށުތެރޭގައި ހުރި ޕާކުތަކާއި، މޫދުގައި ހުރި ކުޑަކުދިން ކުޅޭ ސްލައިޑާއި އަދި ރަށުތެރޭގައި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ އެއްވެސް ޚިދުމަތަކުން އަގެއް ނުނަގާނެއެވެ. މީގެއިތުރުން ރަށު ތެރޭގައި ހުރި ކުޅިވަރު ކޯޓުތައް ބޭނުންކުރުމަށްވެސް ފީއެއް ނުނަގާނެއެވެ.

އަދި އަށި ކުއްޔަށް ނުނަގާ ތިބެން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް އެބައޮތެވެ.

އަގު ކަނޑައެޅިފައިވާ ޚިދުމަތްތައް!

ކުޑަގިރީގެ ޚިދުމަތްތަކުގެ ތެރެއިން އަގު ނަގާ ޚިދުމަތްތަކާއި އަދި އަގުތައް ކަނޑައެޅިފައިވާ ގޮތްތައް، ކުޑަގިރީގެ ވެބްސައިޓުން ފެނާނެއެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށްވެސް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.

އެޗްޑީސީން ކަނޑައަޅާފައިވާގޮތުން ކުޑަގިރިއަށް ދާ ފަރާތްތަކުގެ ތެރެއިން އަށި ނަގަން ބޭނުންވާ ފަރާތްތަކުން އަގެއް ދައްކަން ޖެހޭނެއެވެ.

ރަށުގައި 13 ކުޑައައްޓާއި، 4 ބޮޑު އަށި ހުރެއެވެ. މީގެތެރެއިން ކުޑަ އައްޓެއް ވިއްސަކަށް މީހުންގެ ގްރޫޕަކަށް ބޭނުންކުރެވޭނެއެވެ.

އަށީގެ އަގު ކަނޑައަޅާފައިވަނީ ދެ ގޮތަކަށް އަށި ނެގޭގޮތަށެވެ. އެގޮތުން ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ.

ބޮޑު އައްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.

ބޮޑު އައްޓެއް ދެ ގްރޫޕަށް ބަހާނަމަ ބައި ދުވަހަށް ގްރޫޕަކުން ދައްކަން ޖެހޭނީ 250 ރުފިޔާއަށެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ގްރޫޕަކުން ދައްކަން ޖެހޭނީ 450 ރުފިޔާއެވެ.

ކުޑަގިރިއަށް ދަތުުރުކުރުމަށް ޕަބްލިކް ފެރީ ދަނީ ބާއްވަމުންނެވެ. ނަމަވެސް އަމިއްލައަށް ނަގައިގެން ދާ އުޅަނދުތަކަށް ރަށުގެ ފަޅުތެރޭގައި އަޅާފައި ބޭއްވުމުގެ ފީއެއްގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހައް ބާއްވާނަމަ 500 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ކުޑަގިރީގެ އިތުރު ފެސިލިޓީތައް:

ކުޑަގިރީގައި އިތުރު ފެސިލިޓީތަކުގެ ގޮތުން ވޯޓަރ ސްޕޯޓްސްއާއި ޑައިވްގެ ޚިދުމަތް ދެ ބަޔަކު އަންނަނީ ދެމުންނެވެ. މި ޚިދުމަތްތަކަކީ މިފަދަ އެހެން ޚިދުމަތްތަކާއި އެެއްގޮތަށް، އަގު ނަގައިގެން ދޭ ޚިދުމަތްތަކެކެވެ.

އަދި ރަށުގައި ހުރި ކެފޭއާއި ފިހާރައިގެ ޚިދުމަތްވެސް ދޭނީ އާއްމު އުސޫލުންނެވެ.

ކުޑަގިރީގައި ޑޭ ރޫމްތައްވެސް ވަނީ ހަދާފައެވެ. މިއީ އަންނަ މީހުންގެ ތެރެއިން ކޮޓަރި ބޭނުންވާ މީހުންނަށް، އަގު ދައްކައިގެން ކުއްޔަށް ނެގޭގޮތަށް ހުންނަ ޑޭ ރޫމްތަކެވެ. މި ޚިދުމަތުގެ އަގުތައް އަދި ކަނޑައަޅާފައެއް ނުވެއެވެ.