ޚަބަރު

ފަތުރުވެރިކަމުގެ ފޮނި މީރުކަން ތިލަދުންމައްޗަށް ގެނެސްދޭނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް


ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ދައުލަތަށް ލިބޭ އާމްދަނީގެވެސް ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ. އެހެންކަމުން މިދާއިރާ އިތުރަށް ކުރިއަރުވާ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިސިނާޢަތުން ފައިދާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ތަސައްވުރެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު އެއަރޕޯޓެއް ނެތުމާއި، އެސަރަހައްދުގައި ތަރައްޤީކޮށްފައިވާ އެނދުގެ އަދަދު މަދުވުމެވެ. ރާއްޖޭގެ އެންމެ އުތުރުގައިވެސް ފަތުރުވެރިކަން އެންމެ ރަނގަޅުގޮތުގައި ކުރިއަރާފައިވާ ނުވާ މައިގަނޑު ސަބަބުތަކަކީ އެއީއެވެ.

މިކަން ހައްލުކޮށްދީ، 8000 އެނދު ތަރައްޤީކުރުމުގެ އަމާޒާއިއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމުގެ ދޮރު ހުޅުވާލަދޭނެ މަޝްރޫޢެކެވެ. އެގޮތުން، އުތުރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ސަހައްދުގައި އޮތް ހދ.ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީނުވެ އޮތްއޮތުމެވެ.

ހދ. ނާގޯށިއަކީ 73 ހެކްޓަރުގެ ރަށެކެވެ. 1600 އެނދުގެ މިރިސޯޓަކީ ރާއްޖޭގައިވެސް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރިސޯޓެވެ. ނާގޯށި ތަރައްޤީކުރަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީންނެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުލް ސަމަދު ވިދާޅުވީ، ނާގޯށި ރިސޯޓްގެ މަޝްރޫޢުއަކީ އެކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްކަމަށެވެ.

" މިރަށް ތަރައްޤީކުރެވޭނީ 2 މަރުހަލާއަކަށް ބާހަލެވިގެން. މިރަށް ތަރައްޤީކުރެވިގެންދާއިރު ވާނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް. މިޕްރޮޖެކްޓަކީ ތަފާޓު މޮޑެލްއަކަށް ހިންގޭ ޕްރިޖެކްޓަކަށްވުމުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މިރަށް އޮޕަރޭޓްކުރުމުގައި ހަވާލުވާނެ" ތަޒްމީލް ވިދާޅުވިއެވެ.

1600 އެނދުގެ މިބިޔަ ރިސޯޓް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޔޫ.އޭ.އީގެ ކުންފުންޏަކާއެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުތެރޭ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްޤީކޮށް އެކަމުގެ ފޮނި މީރުކަން އުތުރުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް ތަޒްމީލް ދެއްވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ފަށާފައިވާއިރު، ޓޫރިޒަމްގެ މިފަދަ ބިޔަ މަޝްރޫއުއެއް އެސަރަހައްދުގައި ކުރިއަށްގެންދިއުމަކީ އެސަރަހައްދަށް އިގްތިސާދީގޮތުން ލިބޭނެ އިންޤީލާބީ ކުރިއެރުމެކެވެ. އުތުރުގައި ނުދިރި އޮތް ފަތުރުވެރިކަން އަލުން ދިރުވާ، އެސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެތައް ބަޔަކަށް ހުޅުވިގެންދާ ފުރުސަތުތަކުގެ ދޮރަކަށް ނާގޯށިވެގެންދާނެއެވެ.

ހދ. ނާގޯށީގެ އިތުރުން އެ ސަރަހައްދުގެ އިތުރު 3 ރަށެއްގައި ރިސޯޓް ތަރައްޤީކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ކުރިއަށް އޮތް 3 އަހަރު ތެރޭގައި ތިލަދުންމަތީގައި އިތުރު 6 ރިސޯޓު ހުޅުވޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، މާއިންފަރު އަދި ކަބާލިފަރު ހިމެނެއެވެ. މީގެއިތުރުން، ހއ. ކެލާ، ހއ. އުތީމް، އަދި ހއ. ވަށަވަރުގައި ޓޫރިސްޓު ހޮޓާތައް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ދަށުން 404 އެނދު ތައާރަފްކުރެވޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭގައި ވަނީ އައު 5 ރިސޯޓު ހުޅުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ މިދިޔަ 4 އަހަރު ތެރޭގައި 33 ރިސޯޓް ހުޅުވައި، 9497 އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް ނެރެފައެވެ. އަދި މިއަހަރުތެރޭ އައު 9 ރިސޯޓު ހުޅުވިގެންދާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.