ވިޔަފާރި

ތާރީހުގައިވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަމަހު


ދައުލަތަށް މިހާތަނަށް އެއް މަހެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީމަހުކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު މީރާއިން 3.40 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީއާއި އަޅާބަލާއިރު %43.1 އިތުރު އަދަދެކެވެ. އަދި މިއީ ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %43.6 އިތުރު އަދަދެކެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.62 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އެއީ 1.30 ބިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 100.79 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.60 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއަރޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޖަނަވަރީމަހު މީރާއަށް ރެކޯޑް މިންވަރަކަށް އާމްދަނީ ލިބިފައިވާކަމަށެވެ. އަދި މި އަދަދުތަކާއިއެކު ކުރިއަށްއޮތް ތަނަށް ކުރެވޭ އުންމީދު އާވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހުސްވި ޖަނަވަރީ މަހަކީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއްމަސްތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ، 3.5 ބިލިއަން ރުފިޔާ. ކުރިއަށް އޮތް ތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑު ތަކުލީފެއް ކުރިމަތިނުވާނެ ކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް، އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފައި. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރި." ރައީސް ވިދާޅުވިއެވެ.

ޖަނަވަރީ މަހުގެ އާމްދަނީ އިތުރުވެފައި މިވަނީ ޖަނަވަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ސަރުކާރުން ބަދަލު ގެންނަވާފައިވަނިކޮށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.