ޚަބަރު

ތުރުކީގައި 14 ދިވެހިން، އެންމެންގެ ހާލުވެސް ރަނގަޅު


މިމަހުގެ 6 ވަނަ ދުވަހު ބާރުގަދަ ބިންހެލުމެއް އައި ތުރުކީވިލާތުގައި 14 ދިވެހިން ތިބިކަމަށާއި، އަދި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ބިންހެލުމާއި ގުޅިގެން، އެ ތުރުކީގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީއާއި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުން ބަލަމުންދާކަމަށެވެ. އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ޙާލު އޮޅުންފިލުވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ތުރުކީގައި ތިބިކަމަށް، މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ 14 ދިވެހިންކަމަށެވެ. މިިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް، ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީިން ވިދާޅުވިއެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް ވަނީ އެދިފައެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރަޖިސްޓަރ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބިން ހެލުމާއި ގުޅިގެން މިނިސްޓްރީން އަންނަނީ ތުރުކީގެ ޙާލަތުވެސް ގާތުން ބަލަމުންނެވެ. އަދި ތުރުކީގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް، ދިވެހި ރެޑް ކްރެސެންޓުން ވަނީ ފަންޑެއްވެސް ހުޅުވާފައެވެ.

ތުރުކީއާއި ސޫރިޔާއަށް އައި ބިންހެލުމުގައި ފުރަތަމަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓަރ މިންގަނޑުން 7.8 ގައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، 7.5ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައިސްފައިވެއެވެ.

މި ބިންހެލުމުގައި ތުރުކީގައި 5,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އަދި މިހާތަނަށް 12000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަަމަށް ވަނީ ރިޕޯޓްކޮށްފައެވެ.