ޚަބަރު

ކުޅުދުއްފުށީގައި ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ އެހީ


ކުޅުދުއްފުށީ ސިޓީގައި ކަރިސާތަކަށް އިޖާބަދީ، އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން 40،500 އަށްވުރެ ގިނަ ޑޮލަރުގެ އެހީ ފޯރުކޮށްދީފިއެވެ. ޖަޕާން ސަރުކާރުން މި އެހީ ފޯރުކޮށްދީފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ކުޅުދުއްފުށީގެ ބްރާންޗަށެވެ.

ޖަޕާނުން މި އެހީ ފޯރުކޮށްދިނުމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާއެވެ. މި އެހީގެ ދަށުން އެމް.އާރް.ސީގެ ކުޅުދުއްފުށީ ބްރާންޗަށް އިމަރޖެންސީ ސަޕޯޓް ވެހިކަލަކާއި، ފެންހިންދުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖާޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީ ވިދާޅުވީ، ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވުމަށް ލިބޭ މިފަދަ ކޮންމެ ފުރުޞަތަކީވެސް ލިބޭ އުފަލެއްކަމަށެވެ. އަދި މި އެހީގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި، އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އާރް.ސީއިން ކުރާ މަސައްކަތްތަކަށްވެސް އިތުރު އަވަސްކަމަކާއި ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

"މި އެހީގެ ސަބަބުން އެމްއާރްސީއަށް ފަސޭހަވެގެންދާނެ ކުރިއަށްއޮތްތަނުގައި ކުޅުދުއްފުށީގައި ފެންބޮޑުވުމާއި އެހެނިހެން ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތްތަކެއް ކުރެވޭނެކަމަށް އުއްމީދުކުރަން. އަދި އެކަމަށް ބޭނުންވާ ވަޞީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އުއްމީކުރަން" ޖަޕާން ސަފީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އާރް.ސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ތިމާވެށީގެ ގޮތުންނާއި ޢުމްރާނީގޮތުން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ޙާދިސާތައް ހިނގާ ނިސްބަތް ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް 2017 ގެ ފަހުން މިފަދަ ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާންޖެހޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިމްޔާ ވިދާޅުވީ، މިއީ އެމް.އާރް.ސީގެ ކުޅުދުއްފުށީ ބްރާންޗުގައި ހަރަކާތްތެރިވާ ޓީމަށް، ކާރިސާގެ ދަނޑިވަޅުގައި އާއްމުންނަށް މިހާރަށްވުރެ ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދިޔަ މުހިއްމު އެހީއެއްކަމަށެވެ.

"މިކަންކަމުގައި މަސައްކަތް ކުރުމުގެ ތެރޭގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަޞީލަތްތަކާއި ވެހިކަލްތައް ނެތުން. ޚާއްސަކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް. މި އެހީގެ ސަބަބުން، ޓީމުން ކުރާ މަސައްކަތްތައް އިތުރު ފަސޭހައެއް ލިބިގެންދާނެ. މި ލިބޭ ވެހިކަލް ހަމައެކަނި ބޭނުންކުރެވޭނީކީ އިމަރޖެންސީ ޙާލަތްތަކުގައި އެކަންޏެއްނޫން. ފަސްޓް އެއިޑާއި އުމުރުން ދުވަސްވީ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައިވެސް މި ވެހިކަލް ބޭނުންކުރެވޭނެ" ހިމްޔާ ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ރެޑް ކްރެސެންޓަށް މި އެހީ ފޯރުކޮށްދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" ސްކީމުގެ ދަށުންނެވެ.

މި ސްކީމުގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ތަޢުލީމީ، ޞިއްޙީ، ތިމާވެށި، ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާތައް ފަދަ ދާއިރާތަކުން ފޯރުކޮށްދޭ އެހީތައް ފާހަގަކޮށްލެވެއެވެ.