ވިޔަފާރި

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ހުރިހައި ޔޮޓްތަކެއްގެ މިސްރާބު ރާއްޖެއަށް


ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަންގައި ބައިވެރިވާ ބޭރުގެ ހުރިހައި އުޅަނދެއް މިހާރު ރާއްޖެއަށް އައުމަށް ދަތުރުފަށާފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ސަވާދީއްތަ ދަތުރަކީ 2000 އަހަރަށްވުރެ ގިނަ ދުވަސްވީ ދިވެހިރާއްޖޭގެ މުއްސަނދި އަދި ޒަމާންވީ ތާރީޚާއި ޘަޤާފަތް، ދުނިޔެއަށް ދައްކުވައި، ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، އެމް.އައި.ޓީ.ޑީ.ސީގެ ފަރާތުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޔޮޓް ރެލީ އެކެވެ. މި ޔޮޓް ރެލީގެ ފުރަތަަމަ ދަތުރު ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއައިޓީޑީސީއިން ވިދާޅުވީ، މި ޔޮޓް ރެލީގައި 10 ޔޮޓަށްވުރެ ގިނަ ޔޮޓު ބައިވެރިވާނެކަމަށެވެ. މިހުރިހައި ޔޮޓްތަކެއްވެސް މިހާރު ވަނީ ރާއްޖެ އައުމަށް ދަތުރުފަށާފައެވެ. އެގޮތުން އަބޫދާބީއިން ފުރައިގެން މި ރެލީގައި ބައިވެރިވާން އަންނަ ޔޮޓް މިހާރު ވަނީ ރާއްޖެގައި ބަނދަރުކޮށްފައިކަމަށް އެމްއައިޓީޑީސީއިން ވިދާޅުވިއެވެ. އެއީ އަބޫދާބީގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއްގެ އޯނަރެއްގެ ޔޮޓެވެ.

މި ރެލީގައި މިފަހަރު ބައިވެރިވާނެ އެންމެ މަޝްހޫރު އެއްފަރާތްކަމަށްވާ މެލޭޝިއާގެ ސަރކަމް ނެވިގޭޓްކުރާ ފައިބަން ފެނާންޑޭޒް ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ މެލޭޝިއާއިން ރާއްޖެ އައުމަށް ފުރާފައެވެ. ޖުމްލަ 3 މީހުންނާއެކު ދަތުރުކުރާއިރު އެމީހުންނަށް ރާއްޖެ އާދެވޭނެކަމަށް ބެލެވެނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އޭނާއަކީ ދުނިޔެވަށައި ސަރކަމްނެވިގޭޝަން ފަށާ މީހެކެވެ. "ޑެސްޓިނީ 2" ގެ ނަން ދީފައިވާ ޔޮޓުން ދުނިޔެވަށައި ދުއްވާ މި ދަތުރު ފަށާނީ ރާއްޖެއިންނެވެ. އަދި ދަތުރު ނިމޭނެކަމަށް ބެލެވެނީ 5 އަހަރުންނެވެ.

މެލޭޝިއާގެ ވަރަށް ގިނަ މީޑިއާގެ ސަމާލުކަން ވަނީ އޭނާއަށް ލިބިފައެވެ. އަދި އޭނާ ރާއްޖެ އައުމުގެ ކުރިން މެލޭޝިއާގެ އެންމެ މަޤްބޫލު ޕްރައިވެޓް ޓީވީ ޗެނަލް "އެސްޓްރޯ" އަށް ދިން އިންޓަވިއުއެއްގައި ވަނީ ރާއްޖެއާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވަނީ ދިވެހިރާއްޖެ ބަލާލުމަށް އޭނާ ކެތްމަދުވެފައިވާކަމަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓްރެކިންގ އަދި ވެދަރ އެޕްލިކޭޝަން "ޕްރެޑިކްޓް ވިންޑް" އިން ވަނީ ޔޮޓް ރެލީގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. މިއާއިއެކު ޔޮޓް ރެލީގައި ބައިވެރިވާ ހުރިހައި ޔޮޓެއް ވަގުތުން ޓްރެކް ކުރުމަށްޓަކައި މޯލްޑިވްސް ރެލީއަށް ވަނީ ޚާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ. މިއީ ބޭރުގެ ވަރަށް ގިނަ ފަރާތްތަކަށް މި ރެލީގެ ހަރަކާތްތައް ވަގުތުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމެއްކަމަށް އެމްއައިޓީޑީސީއިން ވިދާޅުވިއެވެ.

މި ރެލީއަށް ދުނިޔޭގެ ވަރަށް ގިނަ މީޑިއާތަކެއްގެ ސަމާލުކަން ލިބިގެންދާއިރު، އީސްޓަން ޔޫރަޕްގެ ވަރަށް މަޝްހޫރު ޓީވީ ޗެނަލްއަކުން ރެލީ ކަވަރ ކުރުމަށްޓަކައި ޓީމެއް ރާއްޖެ އަންނާނެއެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރުކުރިއަށްދާނީ އަންނަ މަހުގެ 1 އިން 18 އަށެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އުތުރުން އުލިގަމުން ފަށައި ނިންމާލާފައިވަނީ ނ. ލަންދޫއަށެވެ. އަދި އަންނަ މަހު ބާއްޗާ 2 ވަަނަ އެޑިޝަން ފަށާނީ ނ. ލަންދޫއިންނެވެ.

މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނ.ލަންދޫ،، ޅ.ހިންނަވަރު، ބ.ގޮއިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އއ.އުކުޅަސް، އދ. ދަނގެތި، އދ.ދިގުރަށް އަދި އދ.މާމިގިލިއެވެ.

މީގެ ފުރަތަމަ ދަތުރުގައި ރާއްޖޭގެ އުތުރުގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 9 ރަށަކާއި، 2 ފަޅުރަށައް ވަނީ ބައިވެރިން ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ރާއްޖެއިން ބޭރުގެ 7 ޔޮޓަކުން 23 ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ.

ސަވާދީއްތަ ދަތުރުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގެ ސަޤާފަތާއި ދިވެހިންގެ ކެއުންބުއިމާއި ދިވެހިންގެ އާއްމު ދިރިއުޅުން ދައްކާލުމެވެ.