ޚަބަރު

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލްކޮށް "ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" އަންނަ މަހު އިފްތިތާޙްކުރުމަށް ނިންމަވައިފިއެވެ.

މާރޗްމަހު ޑިޖިޓަލް އައިޑެންޓިޓީ ކާޑު އިފްތިތާހްކުރުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، މިއާއެކު އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެމީހާގެ ޒާތީ މަޢުލޫމާތާއި ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.

އެކި ޚިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށްޓަކައި އަންނަ މާރިޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ޚިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބު ނުލިބުމުގެ މައްސަލަކަމަށެވެ. އެހެންކަމުން މިމައްސަލަތައް ހައްލުކުރުމަށްޓަކައި ވަން-ގަވް ޚިދުމަތްވެސް މާރިޗު މަސްތެރޭ އިފްތިތާހް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ޚިދުމަތް މުޅިން އޮންލައިން ވާނެ. މީގެއިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ޤާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކަޒުތަކެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ޑިޖިޓަލް އައިޑީކާޑު ފަރުމާކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. ނަމަވެސް ކުރިއަށް އޮތްތާނުގައި އެކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެގޮތް ވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ވިދާޅުވެއެވެ. އެހެންނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުންނެވެ.

ނެޝަނަލް އައިޑެންޓިޓީ ކާޑާއެކު ތަޢާރަފްކުރާ އީ.ފާސް އެޕްލިކޭޝަނަކީ ރައްކާތެރިކަމުގެ ފީޗަރތައް ވަރުގަދަ އެޕްލިކޭޝަނެއްކަމަށް އެންސީއައިޓީން ވިދާޅުވެއެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެމީހާގެ ޒާތީ މަޢުލޫމާތު، އޮޅުވާލައިގެން އެހެން މީހަކަށް ނުނެގޭނެ ގޮތް ހެދުމަށްކަމަށެވެ. އެގޮތުން ކާޑު ބޭނުންކުރަން ދޫކުރުމުގެ ކުރިން، މީހާ ކަށަަވަރުކުރާނެއެވެ.