ޚަބަރު

ހިޔާ ޓަވަރުތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ފުލުހުންނާއެކު އެއްބަސްވުމެއް


ހުޅުމާލޭ ހިޔާ ޓަވަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަވަރުތަކުގެ ކެމެރާ ފީޑް ފުލުހުންނާއި ހިއްސާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީއިން ނިންމައިފިއެވެ. މިކަމަށްޓަކައި އެޗް.ޑީ.ސީއާއި ދިވެހި ފުލުހުންގެ ފަރާތުންވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ޓަވަރުތަކުގައި ގާތްގަނޑަކަށް 35000 ހާހެއްހާ މީހުން ދިރިއުޅެމުންދާއިރު އެހުރިހާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާތަނަށް ކުރެވިފައިވަނީ ހަމައެކަނި ކެމެރާ ހަރުކުރުމުގެ މަސައްކަތެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ހިޔާ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނިންމާ އެޗް.ޑީ.ސީއިންވަނީ މިހާރު ދިވެހި ފުލުހުންނާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

މި އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި އެއްބަސްވުމުގެ ދަށުން ހިޔާގައި ހިމެނޭ 16 ޓަވަރުގެ އެތެރެއާއި ބޭރުގައި ހަރުކުރެވިފައިވާ ހުރިހާ ކެމެރާއެއްގެ ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް އެޗް.ޑީ.ސީއިންވަނީ އެއްބަސްވެފައެވެ. އަދި ހިޔާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ވަނީ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

ހިޔާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗް.ޑީ.ސީއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއެއްބަސްވުމާއެކު ދިވެހި ފުލުހުންގެ އެހީތެރިކަން ލިބިގެންދިޔުމުން މި މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

ހިޔާ ޓަވަރުތަކުގައި ހިނގާ ވައްކަމުގެ މައްސަލަތައް އިތުރުވުމަކީ ހިޔާގައި ދިރިއުޅޭ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް އެކި ސަރަޙައްދުތަކަށް ކުނި އެޅުމާއި، މަތިން އެއްޗިހި ވެއްޓުމުގެ އެތައް ޝަކުވާއެއްވެސް އެޗް.ޑީ.ސީއަށް ލިބެއެވެ. ފުލުހުންނާއި ގުޅިގެން މިކަންކަން ބަލަން ފެށުމުން މިހާރަށްވުރެ ބޮޑަށް އަމާންތަނަކަށް ހިޔާ ސަރަޙައްދު ހެދިގެންދާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.