ޚަބަރު

"ބޮޑުތަކުރުފާނާއި ގުޅުންހުރި ކޮންމެ ތަނަކީ އަޅުގަނޑުމެން ވަރަށް ލޯބިވާ، ވަރަށް ލޯބިން ބަލަހައްޓާ ތަންތަން"


  • މި މަސައްކަތްކުރަނީ ބީއެމްސީގެ މުވައްޒަފުން

  • މިއީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެއް

  • ގަނޑުވަރު، ކަނދުވަލު މިސްކިތް، ކަޑަ ކާނިގަސް ސަރަޙައްދު އާބާތުރަފިލުވާ

އުތީމުގައި ހުރި އާސާރީ ބިނާތަކާ ތަންތަން އެއްމެ ކުރީގައި ބަލަހައްޓަމުން އައިސްފަވަނީ ރަށުގެ ރައްޔިތުންނެވެ. ނަމަވެސް 1986ވަނަ އަހަރު އުތީމުގައި ޤާއިމުކުރި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒާއެކު، ރަށުގައި ހުރި އާސާރީ ބިނާތައް ބެލެހެއްޓުމަށް ރަސްމީކޮށް މުވައްޒަފުން ނަގައިގެން އެ މަސައްކަތް ކުރަން ފެށިއެވެ.

އުތީމުގައި ފާހަގަކޮށްލެވޭ 3 އާސާރީ ބިނާއެއް ހިމެނެއެވެ. އެއީ އުތީމު ގަނޑުވަރާ، ބޮޑުތަކުރުފާނު ނަމާދުކުރައްވާން ބޭންނުންކުރެއްވިކަމަށް ބުނާ ކަނދުވަލު މިސްކިތާ އަދި ފޭރާން ވިޔުއްވަން ޖެއްސެވި ކަޑައިން ހެދިފަވާ ކަޑަ ކާނިގަސް ސަރަޙައްދެވެ.

މ ތަންތަން ރައްކާތެރިކުރެވި، މިހާރު ބަލަހައްޓަމުން އަންނަނީ އުތީމު ބީ.އެމް.ސީގެ މުވައްޒަފުންނެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމަށް، މި ހުރިހާ ތަންތަން ސާފުކޮށް އަބާތުރަ ފިލުމުގެ މަސައްކަތް ބީއެމްސީގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

މިއީ ނާޒުކު އާސާރީ ބިނާތަކަކަށްވުމާއެކު، އެ މަސައްކަތް ކުރަނީ ވަކި ޚާއްސަ ގޮތަކަށް، އެތަންތަނަށް އެއްވެސް ގެއްލުމެއް ނުވާނެގޮތަށެވެ. އެގޮތުން ލަކުޑިން ހަދާފައިވާ ބައިތަކުގައި ކުރީގައި ލާފަވާ ވަރުނިސް ކަހާ، ވަރުނިސް އާކުރުމާއި، ފާރުތައް ދޮވެ ފާރުތަކުގައި އުވަލުން ހިމެނެއެވެ. އަދި އެތަންތަން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ބޮޑުތަކުރުފާނާ ގުޅުންހުރި ކޮންމެ ތަނަކީ، އަޅުގަނޑުމެއް ވަރަށް ލޯބިވާ، ވަރަށް ލޯބިން ބަލަހައްޓާ ތަންތަން. މި މަސައްކަތް ބީއެމްސީގެ މުވައްޒަފުން މި މަސައްކަތް ކުރަނީ ވަރަށް ފޯރިއާ ޖޯޝުގައި." ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މުވައްޒަފުން ފާހަގަކުރެއެވެ.

އުތީމުގައި ހުރި އާސާރީ ބިނާތަކަކީ 500އެއްހާ އަހަރުވެފަވާ ބިނާތަކެކެވެ. މިއަހަރުގެ ޤައުމީ ދުވަހަށް ތައްޔާރުމަށް އުތީމުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. މި ދުވަސް މިއަހަރު ރަސްމީކޮށް ސަރުކާރުން ފާހަމަގުރަނީ އުތީމުގައެވެ.

ޤައުމީ ދުވަސް ޖެހިޖެހިގެން ދެއަހަރު އުތީމުގައި ފާހަގަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ޤައުމީ ދުވަހު އުތީމުގައި ޤައުމީ އިނާމު ދިނުމަށް ބާއްވާ ޚާއްސަ ޖަލްސާވެސް އޮންނާނެއެވެ. މިއީ އަތޮޅުތެރޭގެ ރަށެއްގައި މިއިނާމުދޭ ފުރަތަމަ ފަހަރެވެ. މިދުވަސް ފާހަގަ ކުރުމަށް މުޅި އުތީމު ދަނީ ޖޯޝާއި، ފޯރީގައި ތައްޔާރުވަމުންނެވެ.