ޚަބަރު

ލަންކާއާއި ރާއްޖެއާ ދެމެދު ބޯޑަރ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް


ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބޯޑަރ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބޯޑަރ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިންއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޯޑަރ ސެކއިުރިޓީއާ ގޫޅޭ ކަންކަމުގައި ދިވެހި ރާއްޖެއާއި ސްރީލަންކާގެ ގުޅުން ހަރުދަނާވެގެންދާނެކަމަށެވެ.

ޚާރިޖި ވަޒީރު ޢަބްދުﷲ ޝާހިދު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި ޝާހިދު ވަނީ ލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސްއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރަށް ޝާހިދު ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ.އެމް.ޔޫ.އެމް އަލީ ސަބްރީއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމާ ގުޅޭ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރަށް ޒިޔާރާތް ކުރައްވައި އެތަނުގައި ދޭ ހިދުމަތްތައް ބައްލަވާލައްވާފައެވެ. އަދި އެތަނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮލޮމްބޯ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރާއި ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިސިންގެ ޑީންއާވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތާއި އިންޓަރންޝިޕް ފުރިހަމަކުރުމަށްޓަކައި ޖާގަ ދިނުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރ ޝާހިދު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންގެ އިތުރަށް އަވައްޓެރި ޤައުމުތަކުގެ އިސްވެރިންނާވެސް އަންނަނީ ބައްދަލުކުރައްވަމުންނެވެ. މިގޮތުން ޝާހިދު ވަނީ ނޭޕާލްގެ ފޮރިން މިނިސްޓަރ ޑރ. ބިމަލާ ރާއި ޕައުޑްޔަލްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.