ބަންގްލަދޭޝްގައި 35 އަހަރަށްފަހު ފުރަތަމަ ފަހަރަށް "ވާދަވެރި" ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ފާއިތުވި 35 އަހަރު އެ ޤައުމުގައި ރިޔާސީ އިންތިޚާބުތައް ބާއްވާފައިވީ ނަމަވެސް، އެއިން ކޮންމެ އިންތިޚާބެއްގައި ވެސް ވާދަކުރައްވާފައި ވަނީ އެންމެ ކެނޑިޑޭޓެކެވެ. ނަމަވެސް، އޮގަސްޓު 20 ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަށް ދެ ކެނޑިޑޭޓެއްގެ ނަން ވަނީ ހުށަހަޅާފައެވެ.
އެއީ، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލް ޕާޓީގެ (ބީއެންޕީ) ކެނޑިޑޭޓު، މިރްޒާ ފަޚްރުލް އިސްލާމް ޢަލަމްގީރާއި، 'ޖަމާޢަތު އިސްލާމީ' ޕާޓީގެ ގުޅިފައިވާ އިދިކޮޅު ސިޔާސީ އިއްތިޙާދުގެ ކެނޑިޑޭޓު އޮލީ އަޙްމަދެވެ. ޢަލަމްގީރަކީ ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނާ، އެ މަޤާމުގެ މަސްޢޫލިއްޔަތުތަކާ ޙަވާލުވެވަޑައިގެންނެނީ 2011 ވަނަ އަހަރުއެވެ. އޮލީއަކީ، 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމަށް ކުރި ހަނގުރާމައިގެ ބަޠަލެކެވެ. ޤާނޫނުހަދާ މަޖިލީހުގައި ނަގާ މި ވޯޓުގައި 349 މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިޢުލާނުކުރުމަށް ހަމަޖެހިފައިވާ ކަމުގައި ބަންގްލަދޭޝްގެ އިންތިޚާބީ ކޮމިޝަނުން ބުނެއެވެ.
ބަންގްލަދޭޝްގައި ރިޔާސީ އިންތިޚާބެއް ބޭއްވިގެން މި ދަނީ، 2023 ވަނަ އަހަރުން ފެށިގެން ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ޝަހާބުއްދީން، ފަސް އަހަރުގެ ދައުރުގެ މެދުތެރެއިން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ ވާދަވެރިއަކާ ނުލައެވެ. މިއީ، 1991 ވަނަ އަހަރަށްފަހު، ބަންގްލަދޭޝްގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ދެ ކެނޑިޑޭޓަކު ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، މަސްރަޙުގެ ދާރިސުން ބުނީ، މި އިންތިޚާނުގެ ނަތީޖާ މިހާރު ވެސް ސާފު ކަމުގައެވެ. ސަބަބަކީ، ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން 247 މެންބަރުންނަކީ ބީއެންޕީގެ މެންބަރުންނަށްވުމެވެ. މިއީ، ޢަލަމްގީރަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ކަމުގައި މަސްރަޙުގެ ދާރިސުން ދެކެއެވެ.
ބަންގްލަދޭޝްގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ރައީސްގެ މަޤާމު ފުރުއްވާ ބޭފުޅަކަށް ލިބިދީފައި ވަނީ ވަރަށް ހަނި ބާރުތަކެކެވެ. ބޮޑުވަޒީރާއި އުއްތަމަ ފަނޑިޔާރު ޢައްޔަންކުރުން ފިޔަވައި އެހެން ކަންކަމުގައި ރައީސް ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވަނީ ބޮޑުވަޒީރުގެ ލަފާފުޅުގެ މަތިންނެވެ. މިއީ، ޢަމަލީ ގޮތުން މާ ބޮޑު ސިޔާސީ ބަދަލެއް ގެނުވާނެ އިންތިޚާބެއް ނޫން ކަމުގައި، މަސްރަޙުގެ ދާރިސް ޢަލީ ރިޔާޒް ދެކެވަޑައިގަންނަވައެވެ. ނަމަވެސް، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ 15 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނުވި 2024 ގެ މުޒާހަރާތަކަށްފަހު، މިއީ ރަމްޒީ ގޮތުން މުހިންމު އިންތިޚާބެއްގެ ގޮތުގައި މަސްރަޙުގެ ބައެއް ދާރިސުން އިއްތިފާގުވެ ވަޑައިގަންނަވައެވެ.
އިންތިޚާބުގައި ޢަލަމްގީރް ކުރި ހޯއްދަވާނެ ކަމުގައި މަސްރަހުގެ ދާރިސުން ޤަބޫލު ކުރައްވާ އަނެއް ސަބަބަކީ، ބަންގްލަދޭޝްގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާއެވެ. އެ މާއްދާގެ ދަށުން، ޤާނޫނުހަދާ މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލުކުރައްވާ މެންބަރަކު، އެ ޕާޓީއެއްގެ 'ވިޕް' ނުވަތަ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވުމަކީ، އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުޞަތު އޮތް ކަމެކެވެ. މިއާއެކު، މި ރިޔާސީ އިންތިޚާބުގެ މިނިވަންކަމާމެދު މި ވަނީ އަނެއްކާ ވެސް ބަހުސެއް ފެށިފައެވެ. ނަމަވެސް، މިއީ ތިން ދަހަރަށްފަހު، ދެ ކެނޑިޑޭޓެއްގެ ވާދަވެރިކަމާއެކު އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބެއް ބާއްވާ ތާރީޚީ ދުވަހެކެވެ.