ޚަބަރު

ދުންފަތާ ގުޅޭ އަމާޒުތަކަކީ ދިރާސާކޮށް ނަތީޖާ ނެރެވޭނެ މަސައްކަތެއް: ވަޒީރު ޤީލާ


  • ދުންފަތާ ދެކޮޅަށް "ދެން ހުއްޓާލަމާ" ކެމްޕެއިން ވަނީ އިފްތިތާހުކޮށްފައި

  • މިއީ 5 އަހަރުގެ ކެމްޕެއިނެއް

  • ރަށްރަށުގެ ޖަމްޢިއްޔާތަކާއެކު ގިނަ މަސައްކަތްތަކެއް ގެންދާނެ

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ނިންމާ ކޮންމެ ނިންމުމަކީ ފުޅާ ދާއިރާގައި މަޝްވަރާކޮށް، ފަންނީ ދިރާސާކޮށް އަދި ސާބިތު ހެއްކަށް ބަލައި ނަތީޖާ ނެރެވޭނެހެން ކަނޑައަޅާ އަމާޒުތަކެއްކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުންފަތް ހުއްޓުވުމަށް ކަނޑައަޅާފައިވާ ކެމްޕެއިން" ދެން ހުއްޓާލަމާ" އާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުން ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ޤީލާ އަލީ ވިދާޅުވީ ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް އެހެން އެއްވެސް ސަރުކާރެއްގައި ނުދޭހާ އަހައްމިއްޔަތުކަން މިސަރުކާރުން ދެމުން އަންނަކަމަށެވެ. އަދި އެކަމުގައި މިހާތަނަށް މުހިންމު ނިންމުންތަކެއްވެސް ނިންމައި ތަންފީޒުކުރަމުން އަންނަކަމަށެވެ. ސަރުކާރުގެ ޢަމާޒަކީ ދުންފަތުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ޢަމާޒުތަކަކީ އެކަންކަމާމެދު ވަރަށް ބޮޑަށް ދިރާސާކޮށް، މަޝްވަރާކުރެވިގެން ނިންމާ ނިންމުންތައްކަމަށެވެ.

"ޖެނެރޭޝަނަލް ބޭން ކަނޑައެޅިއްޖެ، ހުރިހާ ރަށްތަކުގައި ސިޒޭޝަންގެ ޚިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސިއްޖެ އަދި މިކަންކަމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރަން ކަންކަން ދަނީ ކުރަމުން. ކޮންމެ ޤާނޫނީ އަދި އިދާރީ ނިންމުމެއް ނިންމަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފަންނީ ދިރާސާތަކާއި ސާބިތު ހެއްކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް. އަދި ކުރިމަގުގައި އެކަން ދެމެހެއްޓޭނެގޮތަށް." ޞިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި، ކަމާގުޅޭ ވުޒާރާތަކާއި އިދާރާތައް، ޞިއްޙި ދާއިރާގެ ފަންނީ ބޭފުޅުން، ތަޢުލީމީ ދާއިރާ އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވެއެވެ.

"ސަރުކާރުން ނިންމާފައިވަނީ 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ގެންދަން. 27 ޖުލައިގައި "ދެން ހުއްޓާލަމާ" ކެމްޕެއިން އިފްތިތާހުކުރީ. ކެމްޕެއިންގެ ސިޔާސަތު ސަރުކާރުން ކަނޑައަޅާފައިވީނަމަވެސް، ކެމްޕެއިންގެ ޢަމަލީ މަސައްކަތް ބައްޓަންކުރާނީ މިހާރު މި ހަދާ ޕްލޭނަށް. ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާއިން ވަނީ ދުންފަތް ހުއްޓުވުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް މާލީ އެހީ ދިނުމަށްވެސް ހުޅުވަލާފައެވެ. އަދި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްވެސް ނިންމާފައެވެ. ވަޒީރު ވަނީ މި ބޮޑު ޤައުމީ މަސައްކަތުގައި ސަރުކާރާއެކު، އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ޕްލޭން އެކުލަވާލަނީ ޔުނިސެފް، ޑަބްލިއުއެޗްއޯ އަދި ކަމާގުޅޭ އެކިއެކި މުއައްސަސާތަކާއި ފަންނީ ބޭފުޅުން ގުޅިގެންނެވެ.