ޚަބަރު

ތިލަފުށިން ސިނާޢީ ބޭނުމަށް ބިން ވިއްކަނީ


ތިލަފުށީ ފޭސް 2އިން ސިނާޢީ ބޭނުންތަކަށް ބިން ގަތުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލަން ނިންމައިފިއެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވީ، ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކުންކަމަށެވެ.

އެޗްޑީސީން ވަނީ ބިން ގަނެވޭނެ އުސޫލުތަކެއްވެސް ޢާންމުކޮށްފައެވެ.

ސިނާޢީ ބޭނުންތަކަށް ބިން ވިއްކާނެ އުސޫލުތައް

* އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައެޅުން (ދިވެހިން އަދި ބޭރު ފަރާތްތައް ހިމެނޭހެން)
* ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް / ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވުން
* ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް / ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުން
* ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރ

އެޗްޑީސީން ވިދާޅުވީ ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށައަޅަފައިވާ ބިމަށް ބިޑްކުރުމެވެ.

އެޗްޑީސީން ވިދާޅުވީ ޝަޢުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށެވެ. މި ޕޯޓަލް ޢާންމުންމަށް ހުޅުވާލާނީމިމަހުގެ 7 ވަނަ ދުވަހުކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.