ޚަބަރު

ތާރުމަގުތަކާއެކު، ހޯރަފުށިން ތަފާތު ހިތްގައިމު މަންޒަރެއް


ހއ. ހޯރަފުއްޓަކީ އާބާދީގައި 2200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އިތުރުވަމުންދާ އާބާދީއާއެކު ރަށަށް އުމްރާނީގޮތުންވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ އެއް ރަށަކަށް ހޯރަފުށި ވާނެއެވެ.

ހޯރަފުށީ އެއަރޕޯޓް ނިމި ޚިދުމަތްވަނީ ފަށާފައެވެ. ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި ފެނާއި ނަރުދަމާއާއި، އަދި ރަށުގައި އެހެނިހެން ވިޔަފާރިތައް ފުޅާކުރުމާއި ގުޅޭ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ހޯރަފުށީގައި ކުރިއަށްދާ މަސައްކަތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބި އެއް މަސައްކަތަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން އައުމެވެ. މަގުތައް ހިރަފުސްވުމާއި، އަޑިގުޑަންވުމާއި އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ޙައްލެއް އައުމަކީ ރައްޔިތުން ކުރި ބޮޑު އުއްމީދެކެވެ. މިއަދު މިދަނީ އެކަން ޙަޤީޤަތަކަށް ވަމުންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް، ހޯރަފުށީގެ 11 މަގެއް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. މަޝްރޫއަށް އަހަރެއްވެގެންދިޔައިރު، 11 މަގުގެ މަސައްކަތް ނިމި، ތާރު މަގުގައި ދުއްވާލުމުގެ ފަސޭހައާއި އުފާ ރަށުގެ ރައްޔިތުންނަށް ވަނީ ލިބިފައެވެ.

ރަށުގައި އާއްމު ޚިދުމަތްތައް ޤައިމުވެފައިހުރި އިދާރާތައް ހުރި މަގުތަކާއި، ހޯރަފުށީ އެއަރޕޯޓަށް ދަތުރުކުރާ ކޯޒްވޭވެސް ވަނީ ތާރު މަގުތަކާއި ގުޅާލާފައެވެ. އެގޮތުން މަޝްރޫޢު ފަރުމާގައި އެންމެ ފާހަގަކޮށްލެވެނީ، ރަށުގެ ބޮޑު މަގާއި، އެއަރޕޯޓް ކޯޒްވޭ އަދި އިތުރު ދެ މަގު ހިމެނޭހެން ގުޅޭ ހަތަރު އަނގޮޅިއެވެ. ރަށުގެ "ވަށް މަގު"އެވެ.

ވަށް ބުރެއްގެ ފަރުމާއަށް ހަދާފައިވާ މަގުގެ މެދުގައި ބޮޑެތި އަކުރުތަކުން ހޯރަފުށީގެ ނަން ފެންނާނެހެން، ކުޑަ ޕާކެއްގެ ފަރުމާއަށް ވަނީ ހަދާފައެވެ. ފެހިކޮށްފައިވާ ޕާކުކޮޅާއި، މަގުގައި ކުރަހާފައިވާ ޓްރެފިކް ނިޝާންތަކާއެކު، މަގުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.

ހޯރަފުށީ މަގުހެދުމުގެ މަޝްރޫގައި ބަނދަރު ސަރަޙައްދު ފިޔަވާ އެހެން ހުރިހާ މަގުތައް ވަނީ ނިމިފައެވެ.

އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢާދަމް އާޒިމް ވިދާޅުވީ، ހޯރަފުށީ މަގުތައް ހެދުމުގެ މަސައްކަތަކީ، ޑިޒައިނަށް އިތުރު ބަދަލެއް ނުގެނެސް އެންމެ އަވަހަށް ނިންމާލެވުނު އެއް މަޝްރޫޢުކަމަށެވެ. އަދި މިއީ ވަރަށް ފުރިހަމަކޮށް، ކަނޑައެޅިފައިވާ ވަގުތަށް ނިންމާ މަޝްރޫޢުއެއްކަމަށެވެ.

އާޒިމް ވިދާޅުވީ، ހޯރަފުށީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހި ނިމުމާއެކު، މަގުހެދުމުގެ ދެވަނަ ބައެއް ކުރިއަށްގެންދިއުމުގެ ވާހަކަތަކެއްވެސް ދެކެވެމުންދާކަމަށެވެ.

"ގާތްގަނޑަކަށް 1 އަހަރުގެ މުއްދަތުން ބޮޑު މަޝްރޫޢުއެއް މި ނިންމާލެވެނީ. މުޅި މަޝްރޫޢު ފެބްރުއަރީ މަހަށް ނިމޭނެ" އާޒިމް ވިދާޅުވިއެވެ.

ހޯރަފުށި ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މަގުތަކުގެ މަސައްކަތް ނިމެމުންދިޔަ ވަރަކަށް، މަގުތައް ފެހިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އަމާޒަކީ ހޯރަފުއްޓަކީ ފެހި ރީތި ރަށަކަށް ހެދުންކަމަށެވެ.

"ބަގީޗާ ގަސްތައް ދަނީ ޖަހަމުން. ހޯރަފުށީގެ ހުރިހާ މަގެއްގައި އަނބު ގަސް ޖެހުމަށް ވަނީ ނިންމާފައި. މިހާތަނަށް 80 ގަސް އިންދިއްޖެ" ވަޙީދު ވިދާޅުވިއެވެ.

ހޯރަފުށީގެ މަގު ހެދުމުގެ މުޅި މަޝްރޫޢު ފެބްރުއަރީ މަހަށް ނިމޭނެއެވެ. މިއީ 72 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 5.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރެވިގެންދާނެއެވެ. މުޅި މަޝްރޫޢު ނިމޭއިރު، 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރެވި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ފުރިހަމަވެގެންދާނެއެވެ.