ޚަބަރު

ވަކީލުންގެ އަހަރީ ފީތައް ދެއްކޭނެ މުއްދަތު އިތުރުކޮށްފި


ބާ ކައުންސިލަށް ގާނޫނީ ވަކީލުން ދައްކަން ޖެހޭ އަހަރީ ފީތައް ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލީގަލް ޕްރެކްޓިސްއާއި ލޯފާމްގެ އަހަރީ ފީއާއި ޕަބްލިކް ނޯޓަރީގެ އަހަރީގެ ފީ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ނިންމީ އެ ގޮތަށް ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުން އެދެމުން ދާތީ ކަމަށެވެ.

މީގެ އިތުރުން ބާ ކައުންސިލްގެ ބަޔާނުގައި އިތުރައް ބުނެފައިވަނީ ލީގަލް ޕްރެކްޓިސް އާއި ލޯފާމްގެ އަހަރީ ފީ އަދި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރު ކޮށްފައިވީ ނަމަވެސް, އެހެނިހެން ފީތައް ދެއްކުމުގެ ފަހުގެ ތާރީހަކީ 31 ޖަނަވަރީ 2023 ކަމަށެއެވެ.

ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް ބަޔާންކޮށް ފީތައް ބާ ކައުންސިލުން ނަގަން ފަށާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި ދެވަނަ އިސްލާޙުގެ ދަށުންނެވެ. އެގޮތުން އާމްދަނީ ހޯދޭނެ 4 ގޮތެއް މި އިސްލާޙުގައި ތަފްޞީލުކޮށްދީފައިވެއެވެ. އެއީ ކައުންސިލަށް ވަކީލުން ދޭ ޗަންދާއާއި، ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނަގައިގެންނާއި، ބާ ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންނާއި، އެ ކައުންސިލުން އެހެނިހެން ހަރަކާތްތައް ހިންގައިގެން ހޯދާ އާމްދަނީއެވެ.

ބާ ކައުންސިލުގެ ޚިދުމަތްތަކުގެ ފީތައް:

- ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ : 2000ރ.
- ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް : 2000ރ.
- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް : 2000ރ.
- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް : 1500ރ.
- ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމާއި އައު ކުރުން : 2000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން : 1000ރ.
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން : 1000ރ.
- ލީގަލް ޕްރެކްޓިސް ރަޖިސްޓްރާ ކުރުމަށް އަދި އަހަރީ ފީ : 1000ރ.
- އެކްސްކޯގެ އިންތިޚާބުގެ އިދާރީ ފީ : 5000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް : 500ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން : 1000ރ.

ބާ ކައުންސިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. ބާ ކައުންސިލް އުފެދިފައި ވަނީ 2019 ވަނަ އަހަރު މަޖިލީހުން ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަން ހުށައެޅި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރެއްވުމާއި އެކުގައެވެ.

ބާ ކައުންސިލްގެ މަސްއޫލިއްޔަތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުން ހިމެނެއެވެ. އަދި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި، ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުންވެސް ހިމެނެއެވެ.