ހއ.ދިއްދޫ ބަނދަރަށް އިތުރުކުރާ ބައިގެ މަސައްކަތް ނުނިމި ލަސްވަނީ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްފައިވާތީކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދިއްދުއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެންމެ ބިނަ ބަޔަކު ޒިޔާރާތްކުރާ ރަށެވެ. ސިއްޙީ ޚިދުމަތް ހޯދުމާއި، ވިޔަފާރިއާއި ސަރުކާރުގެ އޮފީސްތަކުން ހޯދާ ޚިދުމަތްތަކަށް އެތަށް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ.
މިއާއެކުއެކު ދިއްދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ބަނދަރުގެ ޖާގައިގެ މައްސަލަަ ޙައްލުކުރުމަށް އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ފެށީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.
މި ޕްރޮޖެކްޓްގައި ހިމެނެނީ ދިއްދޫގެ ބަނދަރު ބޮޑުކޮށް ޖާގަ އިތުރުކުރުމާއި ޖެޓީ ހެދުމެވެ. ދިއްދޫގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 ފޫޓު މީޓަރު ފުޅާ ބަނދަރެކެވެ. އަލަށް އިތުރުކުރާ ބަޔާއެކު އެރަށުގެ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ.
އަލަށް ހަދާ ބަނދަރަކީ 600 މީޓާރުގެ ބަނދަރެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތަށް ގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ %61 މަސައްކަތް ނިމިފައިވާކަމަށެވެ. މީގެތެރޭގައި ބަނދަރާއި، ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ. ބަނދަރުގެ ބޭރު ތޮއްޓާއި އެއްގަމު ތޮށީގެ މަސައްކަތް ވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ޕޭމަންޓް މަސައްކަތުގެ އިތުރުން ހަރބަރ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް ވަނީ 81 އިންސައްތަ ފުރިހަމަކުރެވިފައެވެ. pic.twitter.com/tIDbVbflEC
— MTCC Plc (@MTCCPlc) January 31, 2023
އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ދިއްދޫ ބަނދަރުގެ މަސައްކަތުގައި ލަސްތަކެއް އުޅޭކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސައްކަތް ފެށިފަހުން ބަނދަރަށް ގެނައި އެކި ބަދަލުތަކެވެ. އާޒިމް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ފަށާފަހުން ގެންނަ ކޮންމެ ބަދަލަކީ، މަސައްކަތުގެ ޑިޒައިންއާއި ޓެކްނިކަލް މަސައްކަތްތަކަށްވެސް ބަދަލު ގެންނަންޖެހޭ ކަމެއްކަމަށެވެ. ދިއްދޫގެ ބަދަރުގެ މަސައްކަތްވެސް ލަސްވީ މިފަދަ ބަދަލުތަކުގެ ސަބަބުންކަން އާޒިމް ފާހަގަކުރެއްވިއެވެ.
"މަސައްކަތް ފެށި ފަހުން ބަނދަރު ޑިޒައިނަށް ބޮޑު 4 ބަދަލެއް ވަނީ ގެނެސްފައި. މި ބަދަލުތަކަށް އެޕްރީވަލް ލިބި މަސައްކަތް ކުރިއަށްގޮތުން އަހަރުގެ ޖުލައި އޮގަސްޓް ހިސާބަށް މުޅިން މަސައްކަތް ނިމޭނެ" އަޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، ކައުންސިލާއި ރައްޔިތުން ބޭނުންވާ ބަދަލުތައް ހުށައެޅުމަށް އެދިފައެވެ. މިގޮތަށް ގެންނަ ބަދަލުތަކާއެކު ޕްރޮޖެކްޓް މުއްދަތާއި އަދި އެކަމަށް ކުރާ ހޭދަވެސް އިތުރުވާކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫ ބަނދަރުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 75.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިމޭއިރު ޖެޓީއަކާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ޖެހުންވެސް ހިމެނެއެވެ.