ޚަބަރު

ރާއްޖޭގެ 9 ރަށެއްގައި ދުވާލު ގަޑީގައި ޖަނެރޭޓަރުތައް ނިއްވާލަނީ


މިހާރު ކުރިއަށްދާ އިއާދަކުރަނިވި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން ރާއްޖޭގެ 9 ރަށެއްގައި ދުވާލު ގަޑީގައި ޖެނެރޭޓަރ ނިއްވާލެވޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ 2 އަތޮޅެއްގައި ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމާއި ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއިން ޙަކަތައިގެ ދާއިރާއިން ބިޔަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މިފަދަ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހަރު ކުރިއަށްއެބަދެއެވެ.

ރ.އަތޮޅާއި ބ.އަތޮޅުގެ 26 ރަށެއްގައި އިރުގެ އަލިން ޙަކަތަ އުފެއްދުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ 2 ރަށެއްގައި އިޔާދަކުރަނިވި ޙަކަތަ ބޭނުންކޮށް ދުވާލުގަޑީގައި ޖެނެރޭޓަރުތައް އެއްކޮށް ނިއްވާލެވޭކަމަށެވެ. އަދި މިވަގުތު ހިނގަމުން އަންނަ މަޝްރޫޢުތަކާއި ޙަވާލުކުރެވިފައިވާ މަޝްރޫޢުތައް ނިމިގެންދާއިރު ކުރިއަށް އޮތް ކައިރި މުސްތަޤުބަލުގައި ރާއްޖޭގެ އިތުރު 9 ރަށެއްގައި ދުވާލުގެ ޕީކް ގަޑީގައި ޖަނެރޭޓަރުތައް ނިއްވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި އިޔާދަކުރަނިވި ޙަކަތައިގެ ގޮތުގައި އަވިން ޙަކަތަ އުފެއްދުމުގެ އެތައް މަސައްކަތެއް އެބަ ކުރެވޭ. ހަމައެއާއެކު ޙަކަތަ އުފެއްދޭނެ އިތުރު ވަޞީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ.މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް އަންނަނީ ޓެސްޓު ކުރަމުން. މައިގަނޑުބޭނުމަކީ ޙަކަތައިގެ ދާއިރާއިން ސަބްސީޑިއަށް ކުރެވޭ ހޭދަ ކުޑަކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ޓެސްޓު ކުރެވޭ ވަޞީލަތްތަކާއެކު ރާއްޖޭގެ ޙަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑު ތަނުން ކުރިއަރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ހަކަތަ އުފެއްދުމަށް މިހާރު ކުރެވޭ ހޭދަ ބޮޑުތަނުން ކުޑަވެ، އެފައިސާ ތަރައްޤީގެ އެކި ބޭނުންތަކަށް ބޭނުންކުރުމަށް ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އަތޮތެރޭގެ ގިނަ ރަށްރަށުގައި ސޯލާ ޙަކަތަ އުފެއްދުމަށް މަސައްކަތް ކުރާ އިރު ކައުންސިލްތަކާއި ޢާއްމުންގެ އެންމެ ބޮޑު ސުވާލަކީ ކައުންސިލްތަކުގެ ބަޖެޓަށް އޭގެ ސަބަބުން ލުއި ނުވާ މައްސަލަކަމަށެވެ.

ސަޢީދު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ތެލަށް ކުރާ ހެދައިން ބޮޑު ބަދަލު އަންނާނީ ދައުލަތުގެ ބަޖެޓަށްކަމަށެވެ. އަދި ކައުންސިލްތަކާއި ޢާއްމުންގެ ގޭބިސީތަކުން ކުރާ ހޭދަ ކުޑަކުރެވޭނީ ހޯމް ސޯލާ ޕްލޭން އެފަރާތްތަކުން ޤާއިމުކޮށްގެންކަމަށް ސަޢީދު ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު ގޭގޭގެ ފުރާޅުގައާއި ކައުންސިލްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ ސޯލާ ޕީވީއިން 1 މެގަވޮޓްގެ ޙަކަތަ އަންނަނީ އުފައްދަމުން. އޭގެއިން ފެންނާނެ ޢާއްމުންގެ ޖީބަށް ލުއިވާތަން. ފެނަކައިން ކުރިއަށްގެންދާ މިޕްރޮގްރާމްގައި ބައިވެރިވުމަށް އަޅުގަނޑު އެދެން ހުރިހާ ގޭބިސީއަކާއި ކައުންސިލްތަކަކުންވެސް." ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއަކީ 2030 ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 36 މެގަވޮޓްގެ ސޯލާ ޤާއިމުކޮށް މިވަގުތު ރާއްޖޭގައި ޖުމްލަ 53 މެގަވޮޓްގެ ޙަކަތަ އިޔާދަކުރަނިވި ޙަކަތައިން އުފައްދައިގެން އަންނަނީ ބޭނުންކުރަމުންނެވެ.