ޚަބަރު

ކ. ގުރައިދޫ ކަރަންޓް ވިއުގަ ރަނގަޅު ކުރުމަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް


ކ. ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން އެރަށަށް 800 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ގެންގޮސްފިއެވެ.

ގުރައިދޫގައި ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. އެކުންފުނިން ވިދާޅުވީ، ގުރައިދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށް ގެނައި މި ޖަނަރޭޓަރ ސެޓް އިންޖީނު ރޫމްއަށް މިހާރު ވައްދާފައިވާކަމަށާއި، ކުރިއަށް މިއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ. ކަރަންޓްގެ ޙާލަތު ރަނގަޅުނަމަވެސް ދުރާލާ އެކަންކަމަށް ތައްޔާރުވަމުންދާކަމަށް އެރަށުގައި ހުންނަ ސްޓެލްކޯ ބްރާންޗްގެ މެނޭޖަރ މުހައްމަދު ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ކަރަންޓްގެ ޙާލަތު ރަނގަޅު ނަމަވެސް އިންޖީން ރޫމް ކުޑަވުމަކީ ޙިދުމަތް ފޯރުކޮށްދިނުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. އެހެންކަމުން 30 އަހަރުވީ އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ސަރުކާރުގައި އެދިފައިވާނެކަމަށާ، އާ އިމާރާތުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމުގެ އުންމީދު ބޮޑުކަމަށް ޝަމާލް ވިދާޅުވިއެވެ.

ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ރާއްޖޭގައި ފުޅާކޮށް ކުރާ ގުރައިދޫގައި މިހާރުވެސް 400 އެނދު ހިމެނޭހެން އެތައް ގެސްޓްހައުސްއެއް އެބަހުއްޓެވެ. ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު 900 އިތުރުވެގެންދާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވީ، 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓް އިންސްޓޯލްކޮށް ކަރަންޓް ފޯރުކޮށްދޭން ފެށުމުން ކުރިއަށް މި އޮތް އަހަރެއް ނުވަތަ ދެއަހަރެއްހާ ދުވަހަށް ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އަލަށް ހިއްކި ސަރަހައްދުން ކައުންސިލުން ގޯތި ދޫކުރުމަށް ތައްޔާރު ވަމުންދާއިރު އެ ސަރަހައްދަށްވެސް ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދިނުމުގައި ދަތިކަމެއް ކުރިމަތި ނުވާނެކަމަށް ހުސެއިން ޔާމީން ވިދާޅުވިއެވެ.

މިހާރު އެރަށުގައި ކަރަންޓް ކެޕޭސިޓީއަކީ 1550 ކިލޯ ވޮޓްއެވެ. މި އައު ޖަނަރޭޓަރ ސެޓުން ކަރަންޓް ފޯރުކޮށްދޭން ފެށުމުން އެއަދަދު 2350 ކިލޯވޮޓް އަށް އިތުރުވެގެންދާނެއެވެ. މިސަރަހައްދަށް ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތްތައްވެސް ސްޓެލްކޯ ހެޑް އޮފީހާ ގުޅިގެން ކުރަމުންދާކަމަށް ގުރައިދޫ ސްޓެލްކޯ ބްރާންޗްއިން ވިދާޅުވެއެވެ. އާންމުކޮށް އެންމެ ގިނައިން ކަރަންޓް ބޭނުން ކުރާ ދުވަސްތަކުގައި އެރަށުގެ ކަރަންޓްގެ ޕީކް އަދަދަކީ 840 ކިލޯވޮޓްއެވެ.

މިއައު ޖަނަރޭޓަރ ސެޓް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭން ފެށުމަކީ ގުރައިދޫ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ލިބޭ ބޮޑު ކުރިއެރުމަށްކަށް ވެގެންދާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ.