ޚަބަރު

ގިރާ ސަރަޙައްދު ޙިމާޔަތްކޮށް ކޮޅުފުށީގެ ރައްޔިތުންނަށް ހިންދެމިލެވޭނެ ފުރުޞަތު


މ. ކޮޅުފުށީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން ނިންމާލައިފިއެވެ.

މި މަޝްރޫޢު ނިމިގެން ދިޔުމުން އެރަށު ރައްޔިތުންނަށް ރަށް ގިރުމުގެ ސަބަބުން ޒަމާނުއްސުރެ ކުރިމަތިވަމުންދިޔަ ބިރުވެރިކަމުން މިވަނީ ސަލާމަތްވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި މި މަސައްކަތް ޙަވާލުކޮށް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ކޮޅުފުށީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ދައުލަތުގެ ބަޖެޓުންވަނީ 9.22 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި ޒަމާނުއްސުރެ ގިރަމުންދިޔަ 4 ސަރަޙައްދެއްވަނީ ޙިމާޔަތްކޮށްފައެވެ.

އެމް.ޓީ.ސީ.ސީއިން ވަނީ މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 5575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަޙައްދު ފުންކޮށްފައެވެ. އަދި 4108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަޙައްދެއް ފުންކޮށް 518 މީޓަރުގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ. މީގެއިތުރުން 202 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮއްޓެއްވެސް އެރަށުގައިވަނީ ޤާއިމުކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރަށްގިރުމުގެ ސަބަބުން ކޮޅުފުއްޓަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވާކަމަށެވެ. މިގޮތުން އެރަށުގެ އެކި ސަރަޙައްދުތަކުން އެތައް ރުއްގަހެއް ވެއްޓި ނެތިގެން ގޮސްފައިވާކަމަށެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރަށުގެ މިޙިމާޔަތްކުރި ސަރަޙައްދު ޙިމާޔަތްނުކުރިނަމަ މިރަށް ދެބުރިވެގެންދިޔުމުގެ ފުރުސަތު އޮތީ ބޮޑުވެފައި. މިސަރަޙައްދުގައި އޮތް ކުޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައި. ޚާއްސަކޮށް ސުނާމީގެ ފަހުން އަޅާނުލެވުމުގެ ސަބަބުން، މިހާރު ޙިމާޔަތްކުރެވުމުން ކުޅި އިޔާދަވުމުގެ ފުރުސަތުވެސް މިވަނީ ބޮޑުވެފައި" އާޒިމް ވިދާޅުވިއެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ޢަބްދުލް އަލީމް ވިދާޅުވީ، މިއީ އެރަށުގެ ރައްޔިތުންގެ އެތައް ދުވަހެއް ވަންދެން އުފުލި ބޮޑު ބުރައެއްކަމަށާއި، މި ސަރަޙައްދު ޙިމާޔަތްކުރެވިގެންދިޔުމަކީ އެރަށުގެ ރައްޔިތުންގެ ބޮޑު އެދުމެއް ހަޤީޤަތަކަށްވުންކަމަށެވެ.

"ހަޤީޤަތުގައި މިކުޅި ހިމެނޭ ސަރަޙައްދު ޙިމާޔަތް މިހާރު ނުކުރެވުނުނަމަ ކުރިއަށް އޮތް އަހަރެއްހާދުވަހުގެ ތެރޭގައި މިރަށް ދެބުރިވެ އެތައް ގަހެއް ރުކެއް މިތަނުން ގެއްލިގެންދާނެ" އަލީމް ވިދާޅުވިއެވެ.

އާބާދީގައި 4600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކޮޅުފުއްޓަކީ ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. މިގޮތުން މިވަގުތު 3000 އަކަފޫޓުގެ 37 ބިން ކައުންސިލުންވަނީ ދަނޑުވެރިކަމަށް ދޫކޮށްފައެވެ. އެހެންކަމުން އެރަށުގެ ރަށް ގިރައިގެން ރަށުގެ ފަސްގަނޑު ސަކަރާތްވެ ލޮނުވުމުގެ ފުރުޞަތު ބޮޑުވުމަކީ ރަށުގެ އިޤްތިޞާދަށް ބޮޑު ގެއްލުމަކާއި ކުރިމަތިވަމުންދިޔަ ކަމެކެވެ. ކޮޅުފުއްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައިވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ.

މަސްވެރިކަން މާފުޅާ ދާއިރާއެއްގައި ނުކުރިނަމަވެސް، ދަނޑުވެރިކަމުގެ އިތުރުން ކޮޅުފުށިން މަހަށް ދާން އޮންނަ އޮޑިންގެންނަ މަސް ކައްކާ ހިއްކައިގެން އަދި ރިހާކުރު ހެދުމުގެ މަސައްކަތްވެސް އެރަށުގެ ބައެއް ފަރާތްތަކުން ކުރެއެވެ.