ޚަބަރު

އައްޑޫ ސިޓީގެ ގޯތިތަކުގައި ހުރި ޗަސް ބިންތައް ހިއްކަނީ


އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަ ޙައްލުކުރުމަށް އެސިޓީގެ ފޭދޫއާއި ހިތަދޫގެ މާމެންދޫ ސަރަޙައްދުގެ ބަނޑާރަ ގޯތިތަކުގައި ހުރި ޗަސް ބިންތައް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ގިނަ ޢަދަދެއްގެ ބަންޑާރަ ގޯތިތަކެއް އެސިޓީގެ އެކި ރަށްރަށުގައި ދިރިއުޅުމަށް ބޭނުން ނުކޮށް ހުރުމުގެ ކަންބޮޑުވުން އެސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލުންވެސް މީގެކުރިންވަނީ ފާޅުކޮށްފައެވެ.

މި މައްސަލައަށް ޙައްލެއް ގެނައުމަށް ހުސްކޮށް ހުރި ބަންޑާރަގޯތި ނެގުމުގެ މަސައްކަތްތަކެއްވެސް މީގެ ކުރިންވަނީ ކޮށްފައެވެ. އަދި ގޯތީގައި ގެދޮރުވެރިކަމުގެ އެއްވެސް މަސައްކަތެއް ނުކޮށް ހުންނަ ސަބަބު ދެނެގަތުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރި މަސައްކަތުން، ގިނަ ބަޔަކަށް ކުރިމަތވެފައިވާ މާލީ ބުރައާއި ގޯތީގައި ޗަސްބިން އޮންނަ އޮތުންވަނީ ފާހަގަކުރެވިފައެވެ. މާލީ ބުރައަށް ޙައްލެއް ހޯދައިދިނުމަށް އެކި ސްކީމްތަކުގެ އެހީގައި ލުއި ލޯނު ދިނުމަށްވަނީ ހުޅުވާލާފައެވެ.

ޗަސް ބިންތަކުގެ މައްސަލަ ޙައްލުކުރުމަށް އެފަދަ ގޯތިތައް ދެނެގަނެ އެތަންތަން ހިއްކުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އަންނަނީ ކުރަމުންނެވެ.

މިގޮތުން އައްޑޫ ސިޓީ ފޭދޫއާއި، ހިތަދޫ މާމެންދޫގައި ދޫކޮށްފައިވާ ގޯތިތަކުގައި ހުރި ޗަސްބިންތައް ހިމެނޭހެން ޖުމްލަ 24 ހެކްޓަރުގެ ބިން ވެލިއަޅައިގެން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 2002 ވަނަ އަހަރު މާމެންދޫ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކަށް ވަދެވޭގޮތަށް އަދި ވެލިއަޅައިގެން މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 2022 ވަނަ އަހަރު ވަނީ 4 މިލިއަން ޚަރަދުކޮށްފައެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް ޗަސް ބިންތައް ހިއްކުމަށް 4 މިލިއަން ރުފިޔާވަނީ ބަޖެޓްކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢުގެ ސަބަބުން ހިތަދޫ އަދި ފޭދޫއިން ދިރިއުޅުމަށް ބިންތައް ލިބިފައިވާ ފަރާތްތަކަށް ބިން ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. މިއާއެކު މިހާރު ކުރިމަތިވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް އަންނާނެކަމަށް ސިޓީ ކައުންސިލުން ލަފާކުރެއެވެ.