ވިޔަފާރި

ރާއްޖޭގެ 2 ވަނަ އަންހެން ކޮންޓިނެންޓަލް ޖަޖަކަށް ޝިއުނާ


ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، "ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް"، ވެކްސްގެ ފަރާތުން ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް އަރުވައިފިއެވެ. މަރްޔަމް ޝިއުނާގެ އިތުރުން، މިވަގުތު ރާއްޖޭގައި 3 ކޮންޓިނެންޓަލް ޖަޖުން އެބަތިއްބެވެ. އެއީ ޢަބްދުﷲ ޞަބާހު، އިޝްހާޤު ޞާލިޙު އަދި އައިމިނަތު ޝާނީއެވެ.

"ކޮންޓިނެންޓަލް ޖަޖު" ކަމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ ވެކްސްގެ ފަރާތުން އަރުވާ ލައިސަންސްއެކެވެ.

"ކޮންޓިނެންޓަލް ޖަޖު" އަކަށް ވުމުގެ ކުރިން، "ރޫކީ ޖަޖު" (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދަންޖެހެއެވެ. ވެކްސް ގައި ޖަޖުންގެ 3 ކެޓެގަރީއެއް އޮންނައިރު، އެއީ ރީޖަނަލް ޖަޖު، ކޮންޓިނެންޓަލް ޖަޖު އަދި އިންޓަނޭޝަނަލް ޖަޖެވެ.

ކެއްކުމުގެ ދާއިރާއިން މަރްޔަމް ޝިއުނާގެ އެންމެ ފުރަތަމަ ކާމިޔާބީތަކުގެ ތެރޭގައި 2010 ވަނަ އަހަރު ޓީވީއެމްގެ ފަރާތުން ބޭއްވި ރަހަތަފާތު ޕްރޮގްރާމުން 1 ވަނަ ލިބުން ހިމެނެއެވެ. އޭރު މި ޕްރޮގްރާމް ބާއްވަމުން ގެންގޮސްފައިވަނީ މުބާރާތެއްގެ ގޮތުގައެވެ.

މަރްޔަމް ޝިއުނާއަކީ ސިންގަޕޯރ އެއަރލައިންސްގެ ކޭޓަރިންގ އެކެޑަމީ "ސެޓްސް" ގައި ތަމްރީނުވާން ލިބުނު ފުރަތަމަ ދިވެއްސެވެ. ސެޓްސްއަކީ ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް ކަލިނަރީ އެކެޑަމީއެވެ. ޝިއުނާ ވަނީ ސިންގަޕޫރުގެ އިތުރުން، ތައިލެންޑް، މެލޭޝިޔާ، ސްރީލަންކާ، ތުރުކީ އަދި އަބޫދާބީ ގައި އެކިއެކި ކަލިނަރީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ރިސޯޓެއްގައި 2021 ވަނަ އަހަރު ބޭއްވި ސްވިޑްން މާސްޓަރޝެފް އެޕިސޯޑް 12 ގައި އެހީތެރިވުމަށް އެކުލަވާލި ދިވެހި ޝެފުންގެ ޓީމުގައިވެސް މަރްޔަމް ޝިއުނާ ވަނީ ހަރަކާތްތެރިވެ ތަޖުރިބާ ހޯދާފައެވެ.

ދާދިފަހުން ތުރުކީގެ މާޑިންގައި ބޭއްވި ކަލިނަރީ ފެސްޓިވަލްގައި، މަރްޔަމް ޝިއުނާ ވަނީ ބައިވެރިވެ ރާއްޖޭގެ ކެއްކުންތައް ލައިވްކޮށް ދައްކާލާފައެވެ. މި ފެސްޓިވަލުގައި ހަމައެކަނި އަންހެން ޝެފަކަށް މަރްޔަމް ޝިއުނާ ބައިވެރިވިއިރު، ދެން ތިބީ މުޅިންވެސް މިޑްލްއީސްޓްގެ މަޝްހޫރު ޝެފުންނެވެ.
މިފެސްޓިވަލުގައި އެންމެ ބޮޑު ތަރުޚީބެއް ލިބިފައިވަނީ މަރްޔަމް ޝިއުނާ ތައްޔާރުކުރި ދިވެހި ކެއުންތަކަށެވެ.

ދިވެހިރާއްޖޭގައި ކަލިނަރީ ދާއިރާ މިހާރު ވަނީ ވަރަށް ކުރިއަށް ޖެހިފައެވެ. ކަލިނަރީ ދާއިރާއަށް ޤައުމީ ފެންވަރުގެ އެސޯސިއޭޝަނެއް އުފެދި، އަދި މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ކަލިނަރީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޤައުމީ ފެންވަރުގެ އެކިއެކި އެވޯޑްތަކާއި އިނާމްތައް ދީފައެވެ.

2014 ވަނަ އަހަރު ޤައުމީ ޝެފުންގެ ޖަމިއްޔާ "ޝެފްސް ގިލްޑް އޮފް މޯލްޑިވްސް" ވަނީ ވުޖޫދުވެފައެވެ. ސީ.ޖީ.އެމްގެ ފަރާތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދިވެހި ޝެފުންނާއި އަދި މިދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އެކިއެކި ގޮތްގޮތުން ކުރިއެރުންތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އޭގެ ތެރޭގައި ސީ.ޖީ.އެމްއަކީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ރަސްމީ މެމްބަރެއްގެ ހައިސިއްޔަތުވެސް ވަނީ ލިބިގެންގޮސްފައެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭއްވޭ ކަލިނަރީ މުބާރާތްތަކުގައި ދިވެހިންނަށް ވާދަކުރުމުގެ ފުރުޞަތުތައް ހޯދައިދީ، ދިވެހިން ވަނީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުން ރަން ވަނަތައްވެސް ހާޞިލުކޮށްފައެވެ.