ޚަބަރު

ލ. ގަން ތުނޑި އަލަށް އާބާދުވީ ސަރަޙައްދުގެ ނަރުދަމާ އަޕްގްރޭޑްކުރަނީ


ލ.ގަން ތުނޑި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދެވެ.


ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ލ.ގަން ތުނޑި އަލަށް އާބާދުވީ ސަރަޙައްދުގައި މިހާރު ޤާއިމްކުރެވިފައިވާ ނިޒާމް އެއްކޮށް ބަދަލުކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

މި މަޝްރޫޢު ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 26.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.