ޚަބަރު

މާލޭ މީހުންނަށް ގޯތި ދޭ ސަރަހައްދު ސާފުކުރަން ފަށާ، އަސާސީ ހިދުމަތްތައް ޤާއިމުކުރަނީ


"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަންނަ މާރިޗުމަހު އާއްމުކުރާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މި ސްކީމަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ހުޅުމާލެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކޮށް، އެތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ އެޗް.ޑީ.ސީއިން މިހާރު މިވަނީ ފަށާފައި.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

މިޕްރޮގްރާމްގެ ދަށުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަޙައްދުތައް ހިމެނޭހެން 1000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމުގެ ޢަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން މިހާރު ދަނީ ކުރަމުންނެވެ. މިތަނުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، މި ތަނަށް ބޭނުންވާ ކަރަންޓާއި، ފެންފަދަ ޔުޓިލިޓީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް ވިދާޅުވީ، ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ބްލޮކްތައް ނުވަތަ ސަރަހައްދުތައް 1250 އަކަފޫޓަށްވުރެ ކުޑަ ނުވާނެކަމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް މިބިންތައް ސާފުކޮށް އިންޖަހާ ނިންމާނެކަމަށް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ހުޅުމާލެއިން 60 ސަރަހައްދަކުން ޖުމްލަ 1250000 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހާސް) ގެ ބިން އެޗްޑީސީއިން ދޫކޮށްފައިވާކަމަށެވެ. "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މާރިޗު މަހު އާއްމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

"ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިއަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާނެ އުޞޫލު

■ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓު
■ އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭ
■ 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް

މާލޭ ރައްޔިތުންނަށް ގޯތިދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 15،000 އަށްވުރެ ގިނަ ފޯމު "ގެދޮރުވެރިން" ޕޯޓަލަށް ހުށަހަޅާފައިވެއެވެ. މި ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް އަންނަމަހަށް ނިމޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގޯތީގެ އިތުރުން "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުވާލި 4000 ފްލެޓަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ. މި 4000 ފްލެޓުގެ މަސައްކަތްވެސް ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން އަންނަނީ ތަރައްޤީކުރަމުންނެވެ. މިއީ ހުސް 2 ކޮޓަރިއާއި 3 ކޮޓަރީގެ ފްލެޓްތަކެވެ. އެތަންތަން ނިމޭއިރު ހުންނާނެގޮތުގެ މޮޑެލް ޔުނިޓްތަކެއް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ދާދިފަހުން ވަނީ އާއްމުންނަށް ދައްކާލާފައެވެ.

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. މާލޭ ސަރަހައްދުވެސް ހިމެނޭހެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް 16،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ފްލެޓާއި، ރޯހައުސްތައް ހިމެނެއެވެ.