ޚަބަރު

އއ. މަތިވެރި ފެނުގެ ނިޒާމު އަންނަމަހު ޓެސްޓުކުރަނީ


އއ. މަތިވެރީގައި ސަރުކާރުން ކުރިއަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓެރެކްޓަރ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ، މުޅި މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މަތިވެރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން ފެނުގެ މައިހޮޅި އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ ހަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުން އެރަށުގައި 6.7 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކެއް ޤާއިމްކޮށް ނިމިފައިވާކަމަށް މި މަސައްކަތުގެ ކޮންޓެކްޓަރ އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ. އަދި ބިމުގެ އަޑިން ފެން ނެގުމަށް ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށް ބަހައްޓާ ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން ފެނުގެ ކަނެކްޝަން ގެތަށް ގުޅުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތްވެސް ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓެރެކްޓަރ އެމް.ޑަބްލިއު.އެސް.ސީ އިން ވިދާޅުވެއެވެ. އެރަށުގެ 236 ތަނަކަށް މި ޙިދުމަތް ގުޅައިދޭނެއެވެ.

މިހާރު ކުރަމުންދަނީ ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެވެސް ބޮޑުބައެއް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން އުފައްދާ ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަތިވެރީގައި އެމް.ޑަބްލިއު.އެސް.ސީ އިން ކުރިއަށްގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ، މަސައްކަތް ދާ ހަލުވި މިނަށް ބަލާނަމަ މަސައްކަތް އެއްކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރަށް ނިންމާލެވޭނެކަމަށެވެ. އެހެން ނަމަވެސް އެކަން ނުވީ ރާއްޖެއިން ބޭރުން މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ގެނައުމުގައި ލަސްތަކެއް ކުރިމަތިވުމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ.

މިރަށުގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންވެ. ސްރީލަންކާގެ ކުންފުންނަޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ފުޅާދާއިރާގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ހިންގާ މިރަށުގެ ރައްކާތެރި ފެނާ ނަރުދަމާ ނިޒާމެއް ޤާއިމްވެގެންދިއުމަކީ މި ވިޔަފާރި އިތުރަށް ފުޅާވެ ރައްޔިތުން އެކަންކަމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމެއްކަމަށް އެރަށު ކައުންސިލާ ރައްޔިތުން ދެކެއެވެ. އަދި އުންމީދަކީ މިދެމަސައްކަތްވެސް އެއްކޮށް ނިންމާލެވި ރައްޔިތުންނަށް މި ޚިދުމަތް އަވަހަށް ލިބެންފެށުމެވެ.

މަތިވެރި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 38.83 މިލިއަން ރުފިޔާއަށެވެ.