ޚަބަރު

3 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް ފެނަކައަށް


2 ރަށެއްގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި ފ. ނިލަންދޫގައި ޤާއިމުކޮށްފައިވާ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފިއެވެ.

އަލަށް ފެނާއި ނަރުދަމާ އެޅުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރަސްޓްރަކޗަރއިން މި 3 މަޝްރޫޢު ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ.

ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމަކީ އަސާސީ ޙައްގެކެވެ. އެކަން ރާއްޖޭގެ ހުރިހާ ރަށަކަށް ކަށަވަރުކުރުމަށް މިވަގުތުވެސް ގިނަ ރަށްރަށުގައި މަސައްކަތް ހިނގަމުން އެބަދެއެވެ. މީގެއިތުރުން ރަށްރަށުގައި އަލަށް ހިއްކާ މީހުން އާބާދުވަމުންދާ ސަރަޙައްދުގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ގއ. ވިލިނގިއްޔާއި، އައްޑޫ ސިޓީ ހިތަދޫގައި އަލަށް އާބާދުވަމުންދާ ސަރަޙައްދުގައާއި ހިއްކި ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ޙަވާލުކޮށްފައެވެ. 43 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ވިލިނގިލީގައި އަލަށް އާބާދުވި ސަރަޙައްދުގައާއި ހިއްކި ބިމުގައި ނަރުދަމާ ހޮޅި އެޅުމާއި ޕަންޕް ސްޓެޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ސީ އައުޓްފޯލްއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 16 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ސ. ހިތަދޫގައި އަލަށް އާބާދުވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށްވެސް ޕްލޭނިންގ މިނިސްޓްރީއިން ވަނީ ޙަވާލުކޮށްފައެވެ.

21 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ނަރުދަމާ ހޮޅިއެޅުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ މިހާރު ހިތަދޫގައި އޮތް ވިއުގައާއި ގުޅާލުމަށްވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ދެމަޝްރޫޢުގެ އިތުރުން ފ. ނިލަންދޫގައި މިހާރު ބޭނުންކުރަމުންދާ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަޝްރޫޢުވެސް ވަނީ ޙަވާލުކޮށްފައެވެ. 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ދަށުން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމާއި، ޕަންޕްތައް ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ސީއައުޓްފޯލްއެއް އެޅުމާއި ސްވެއަރ ޖެޓިންގ މެޝިނެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެރަށުގައި އޮންނަ ނަރުދަމާއަކީ ނެދަލޭންޑްސް ކުންފުންޏެއްގެ އެހީގައި 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާއެކެވެ.

މި މަޝްރޫޢުތައް ޙަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤްއެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.