ޚަބަރު

ހަނިމާދޫ މަގާއި، ބަނދަރު އަންނަ މަހު ނިމޭނެ


ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ބަނދަރު މަޝްރޫޢު އަންނަ މަހު ނިންމާލެވޭނެކަމަށް، އެ މަސައްކަތް ކުރާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ ތަރައްޤީއަށް ހިންގާ މި ދެމަޝްރޫޢުވެސް ވަނީ ނިމުމަކާއި ގާތްވެފައެވެ.

ހަނިމާދޫއަކީ އުތުރުގެ އިޤްތިޞާދުގައި މުހިއްމު ރަށެކެވެ. އުތުރުގެ މައި އެއަރޕޯޓު ހަނިމާދޫގައި އޮތުމާއެކު އެއަރޕޯޓަށް އަންނަ ދިވެހިންނާއި ޓޫރިސްޓުން ހަނިމާދޫ ބަނދަރުގެ ބޭނުން ކުރާ ނިސްބަތްވަނީ އިތުރުވެފައެވެ. ހަމައެއާއެކު ދެރަށަކުން ހަނިމާދޫއަށް މީހުން ބަދަލުކުރުމާއެކު ހަނިމާދޫވެފައިވަނީ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެފައިވާ ރަށެއްގެ ގޮތުގައެވެ. އެހެންކަމުން އެތައް ބަޔަކު ބޭނުންކުރަމުން އައި ބަނދަރު ޒަމާނާ އެއްގޮތަށް ތަރައްޤީވުމަކީ ހަނިމާދޫގެ ރައްޔިތުންނާއި، އެރަށަށް ޒިޔާރަތްކުރާ މީހުންގެވެސް އުއްމީދެކެވެ. މިކަމަށް އިޖާބަދީ އެރަށުގައި އޮތް ދުވަސްވީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިއާއެކު އެރަށުގައި ކުރިން އޮތް ބަނދަރު މަރާމާތުކޮށް އަދި 1200 ފޫޓުގެ އައު ބަނދަރެއް އަންނަނީ ތަރައްޤީކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ހަނިމާދޫ ބަނދަރުގައި ތަރައްޤީކުރާ ކުޑަ ޖެޓީއާއި އާރްޓީއެލް ފެރީ ގާތްކުރާ ސަރަޙައްދުގައި ޤާއިމުކުރަންޖެހޭ ރޭމްޕްގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުޑަ ޖެޓީއެއް ތަރައްޤީ އެބަކުރަން ކުދި ބޮއްކުރާ އަދި ދޯނިތައް އެޅުމަށްޓަކައި، އަލަށް ސަރުކާރުން ހަދަމުން އަންނަ ސްޓްރަކްޗައެއް މިއީ. އަލަށް ތަރައްޤީކުރާ ބަނދަރަކީ ބޮޑެތި ބޯޓުފަހަރަށް ބޭނުންކުރާގޮތަށް ހަދާ ބަނދަރެއް. މީގެ ސަބަބުން ބަނދަރު ދެގުނަ އެބަ ބޮޑުވޭ." އާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަނިމާދޫގައި ތަރައްޤީކުރާ ބަނދަރާއެކު އެސަރަޙައްދުގައި ފެންދެމޭގޮތަށް ބްރިޖެއްވެސް އެމްޓީސީސީއިންވަނީ ހަދާފައެވެ. ޖެޓީގެ މަސައްކަތް ފިޔަވާ ހުރިހާ ކޮންކްރީޓް މަސައްކަތްތައް މިވަގުތު ނިމިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.


ބަނދަރުގެ އިތުރުން އެމްޓީސީސީއިން އަންނަނީ ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އާޒިމް ވިދާޅުވީ މަގުތަކުގެ މަސައްކަތް އެއްކޮށް ނިމިގެން މިވަގުތު އަންނަނީ އިންސްޕެކްޝަންގެ މަސައްކަތުގައި ފާހަގަކުރެވުނު ބައެއް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައްކަމަށެވެ.

"ހަނިމާދޫގައި މިހާރު އެމްޓީސީސީއިން ކުރިއަށްގެންދާ ހުރިހާ މަޝްރޫޢެއްގެ އެއްކޮށް ނިންމާ ސަރުކާރާއި އަޅުގަނޑުމެން ޙަވާލުކުރާނަން ފެބްރުއަރީ މަސްނިމުމުގެ ކުރިން." އާޒިމް ވިދާޅުވިއެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 7.1 ކިލޯމީޓަރުގެ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 76 މިލިއަނަށްވުރެ ގިނަ ރުފިޔަ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.