ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ބަޔަކު ހައްޔަރުކޮށްފި


އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާންމުންގެ ބަޔަކު ކުރި މުޒާހަރާތަކެއް ހުއްޓުވުމަށްޓަކައި އިސްރާއީލު ސިފައިން ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ އެތަށްބަޔަކު ހައްޔަރުކޮށްފިއެވެ.އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޚަލީލު ސިޓީގައި ފަލަސްތީނުގެ އެތަށް ސަތޭކަ ބަޔަކު މުޒާހަރާކުރީ ހައްދު ފަހަނަޅާފައިވާ ޔަހޫދީއަކު އިބްރާހީމްގެ ފާނުގެ ޙަރަމްފުޅުގައި، 1994 ވަނަ އަހަރު ހިންގި ގަތްލު އާންމެއްގައި ފަލަސްތީނުގެ 29 މީހުން ޝަހީދުކޮށްލި ބިރުވެރި ޖަރީމާއަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.މިމުޒާހަރާ ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކުރަންޖެހުނީ މުޒާހަރާގެ ބައިވެރިން އިސްރާއީލު ސިފައިންނަށް އޮއްގަލުން ޙަމަލާދިނުމާ ގުޅިގެންކަމަށް އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވިއެވެ. މުޒާހަރާ ރޫޅާލުމަށް އިސްރާއީލު ސިފައިން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރި ކަމަށާ މިގޮތުން ކަރުނަގޭހާއި އަތުބޮމާއި އެނޫންވެސް ހަތިޔާރު ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ބޭނުންކުރިކަމަށް ޚަބަރުލިބެއެވެ.