ޚަބަރު

ދަނގެތި ފެނަށް ޖެހުން ޙައްލުކޮށްދިނީ ސްޓެލްކޯގެ އެހީތެރިކަމާއެކު


އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެން ދޫކުރަން ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޓް، ސްޓެލްކޯގެ އެހީތެރިކަމާއެކު ޤާއިމް ކުރި މިޙިދުމަތުގެ ސަބަބުން ފެނަށް ޖެހިފައި އޮތް ދަނގެތީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އދ. ދަނގެއްޗަކީ އިރުވައި މޫސުމަށް އާންމުކޮށް ފެނަށްޖެހޭ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެކަމަށް ހައްލުހޯދައި ދިނުމުގެ ގޮތުން ކުރީގެ ސަރުކާރުން އެރަށުގައި ޤާއިމް ކުރި ފެނުގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރުވެސް ބޭނުން ނުކުރެވުމަކީ އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށް އެރަށު ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވިއެވެ.

ފެނުގެ ޙިދުމަތް ނިންމާ ޓެސްޓް ކުރުމަށް ފެން ދޫކުރުމުން މައި ހޮޅިން ފެން ލީކުވުމާ އެ ހޮޅި ފަޅައިގެން ދިއުމުގެ ކަންކަން ދިޔައީ ކުރިމަތިވަމުންނެވެ. އެހިސާބުން އެޙިދުމަތް ނުފަށާ އޭރުގެ ސަރުކާރުން ދޫކޮށްލީކަމަށް ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވިއެވެ.

އެރަށުގައި ފެން އުފެއްދުމަށް ބަހައްޓާފައި ހުރި ޕްލާޓްތަކަކީ ހިންގުމުގެ ޙަރަދު ބޮޑު ޕްލާންޓްތަކެއްކަމުން އެ ޕްލާންޓްތައް އަންއިސްޓޯލްކޮށް އިތުރު ދެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. އަލަށް އިސްޓޯލްކުރި ދެ ޕްލާންޓް މެދުވެރިކޮށް ފެނުގެ ޙިދުމަތް ނުދެވި ލަސްވަނީ އަޅާފައި އޮތް މައި ހޮޅިން ރަށުގެ އެކި ސަރަޙައްދުތަކަށް ފެންލީކްވާތީއެވެ. އެ މައްސަލަ ހައްލުކޮށް ހޮޅިލައިން ބަދަލުކުރުމަށް ކައުންސިލާ ސްޓެލްކޯ އާ ޕްލޭނިންގ މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ދަނގެތީ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން މިކަމަށް އިސްނެގީ ކައުންސިލްގެ އެދުމުގެ މަތިންނެވެ. މި އިސްކުރުބަރީގައި ދިހަ އިސްކުރު މެދުވެރިކޮށް ފެން އެރަށު ރައްޔިތުންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ޙިދުމަތް ފޯރުކޮށްދެނީ ހެނދުނު ހަތަކުން ދިހައަކަށެވެ. އަދި ހަވީރު ހަތަރަކުން ރޭގަނޑު ހަޔަކަށެވެ. މިކަމަށް ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މިރަށުގައި ސްޓެލްކޯއިން ދޫކުރާ ފެނަކީ ބުއިމަށާއި ކެއްކުމަށް ރައްކާތެރި ފެންކަމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރޮޓީން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ކަމުން މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

150 ހެއްހާ ގޭބިސީ ހުންނަ މިރަށުގެ ބައެއް ސަރަހައްދުތަކުގެ ފެނުން ނުބައިވަސްދުވުމާއި، ފެން ލޮނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ސަރަހައްދުގެ ފެން ލޮނުވުމަކީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ކުރާ އެންމެ ބޮޑު ޝަކުވާކަން ކައުންސިލު ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެއަކަސް ސަރުކާރުން ފެނާ ނަރުދަމާގެ ޚިދުމަތް މިދައުރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމުގެ ވައުދުފުޅުގެ ތެރެއިން ފެނުގެ ޙިދުމަތްވެސް މިރަށަށްވެސް ލަސްނުކޮށް ލިބުމަކީ ދަނގެތީ ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދެވެ.