ޚަބަރު

ބ. އަތޮޅުގައި ފެނާއި ނަރުދަމާ ނިޒާމުނެތް 4 ރަށެއްގެ މަސައްކަތް ފަށައިފި


ބ. އަތޮޅުގައި ފެނާއި ނަރުދަމާ ނިޒާމު ނެތް 4 ރަށެއްގައި، ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ އެއަތޮޅު ކުޑަރިކިލު، ދޮންފަނު، ފެހެންދޫ އަދި ފުޅަދޫގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދުފުޅެވެ. އެގޮތުން ފެނާއި ނަރުދަމާގެ އާސާސީ ޚިދުމަތް ލިބެންނެތް ރަށްރަށުގައި މި ނިޒާމު ޤާއިމުކުރުމަށް އެތައް މަޝްރޫޢު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހިންގަމުންނެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް އަންނަނީ އޭގެ ޚިދުމަތް ލިބެމުންނެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބ.އަތޮޅުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުވެފައި އޮތީ ވެރިކަން ކުރާ އޭދަފުށްޓާއި، ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައެވެ. އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތާއެކު ތަރައްޤީ ގެނަސްދިނުމަކީ ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު ބަލާ އެންމެ މުހިންމު އެއްކަމެވެ. އެކަން މިއަދު މުޅި ރާއްޖެއަށް ބެލިޔަސް އަންނަނީ ފެންނަމުންނެވެ.

ފެނާ ނަރުދަމާ ނެތް ބ. އަތޮޅުގެ 11 ރަށުގެ ތެރެއިން ދަރަވަންދޫގައި ފެނުގެ ޚިދުމަތް ނިންމާ އެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. ގޮއިދޫގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. މިހާރު މަސައްކަތް ނިމުމަކާ ގާތަށްގޮސްފައިވަނީ ހިތާދޫ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިމަސައްކަތުގެ ދަށުން މިހާރު ނުނިމިވަނީ ސީ އައުޓްފޯލް އެޅުމުގެ މަސައްކަތެވެ.

މީގެ އިތުރުން ކެންދޫ އާއި ކަމަދޫއާއި މާޅޮހުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުނެވެ. ކަމަދޫގައި ފެނާ ނަރުދަމާގެ މައިހޮޅި ވަޅުލާނިމި ގެތަކަށް ނަރުމާގެ ކަނެކްޝަންތައް ވަނީ ގުޅާ ނިންމާލާފައެވެ. ފެނުގެ ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އާރުއޯ ޢިމާރާތުގެ ފިނިޝިން މަސައްކަތާ ފެންރައްކާކުރުމަށް ބަހައްޓާ ތާންގީތައް ރޭވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މާޅޮހުގެ ހުރިހާ ގެއަކަށް ނަރުދަމާ ކަނެކްޝަން ގުޅައި ވަނީ ނިންމާލާފައެވެ. މީގެ އިތުރުން އާރުއޯ ޢިމާރާތާ ތާންގީތައް ރޭވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކެންދޫގައި ފެނާ ނަރުދަމާގެ މައި ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަނީ ކުރަމުނެވެ. މި މަސައްކަތާއެކު ގެތަކަށް ކަނެކްޝަން ގުޅުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށުގައި އާރުއޯ ޢިމާރާތުގެ މަސައްކަތް ވަނީ ނިންމާފައެވެ.


ދަރަވަންދޫގައި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ޓްރީޓްމަންޓް ޕްލާންޓުގެ މަސައްކަތާއި، މައިހޮޅި ވަޅުލުމުގެ މަސައްކަތެވެ. މި 3 ރަށުގެ މަސައްކަތް ކުރަމުންދަނީ، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީ އިންނެވެ. އެކުންފުނިން ވިދާޅުވީ، މިއަހަރުގެ މެދެއްހާ ހިސާބަށް މި ރަށްތަކުގެ މަސައްކަތް ނިންމާ ޚިދުމަތް ދެވޭވަރު ވާނެކަމަށެވެ.

މިރަށްތަކުގެ އިތުރަށް ދޮންފަނާއި، ކުޑަރިކިއްޔާއި، ފެހެންދޫ އަދި ފުޅަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މި 4 ރަށުގައިވެސް މިހާރު ކުރަމުންދަނީ އާރުއޯ ޢިމާރާތް އެޅުމުގެ މަސައްކަތްތަކަށް މަސައްކަތުގެ ކޮންޓްރެކްޓަރ ފެކަނަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި 4 ރަށާއެކު މަސައްކަތް ހަވާލުކުރި ކިހާދޫގައި އަމަލީ މަސައްކަތް އަދި ނުފެށެއެވެ. އެއީ އީ.އައި.އޭ ސަރވޭގައި މައްސަލަތަކެއް އުޅޭތީކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށު ކައުންސިލުން ވިދާޅުވީ، ސާވޭގެ މަސައްކަތް ނިމުމުން އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެ މަސައްކަތް ފެށުމަށް ފެކަނައިންވަނި އެރަށުގައި ސައިޓް މޮބަލައިޒްކޮށްފައެވެ.