ޚަބަރު

މުލީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސަައްކަތް ފަށައިފި


މ. މުލީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންއާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމެވެ. މުލީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 1000 ހެއްހާ މީހުންގެ އާބާދީގެ ދިރިއުޅޭ މުލީގައި އެންމެ ފުރަތަމަ ބަނދަރެއް ތަރައްޤީކޮށް ބޭނުންކުރަން ފަށާފައިވަނީ 2000 ގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް އެފަހުން ބަނދަރު މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތުމުގެ ސަބަބުން ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އޮތީ ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައެވެ.

ޚާއްސަކޮށް ރަށުގެ އެއްގަމު ތޮއްޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން ގަދަ މޫސުންތަކުގައި ފަޅުތެރޭގައި ދޯނިތައް އަޅާފައި ބާއްވަން އުނދަގޫވާކަން ކައުންސިލާއި ރައްޔިތުންވެސް ފާހަގަކުރެއެވެ.

މިރަށަކީ މުލަކަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި، ބީ.އެމް.އެލްގެ ބްރާންޗެއްވެސް ހުރުމާއެކު، މި ރަށްވެފައިވަނީ އަތޮޅުގެ އެހެން ރަށްރަށުންވެސް ކޮންމެ ދުވަހަކުހެން ގިނަ ޢަދަދެއްގެ ރައްޔިތުން އަރައިފައިބާ ރަށަކަށެވެ. އެހެންކަމުން ރަށަށް މިހާރު ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން އަވަހަށް ޙައްލުވެގެން ދިއުމަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބި އެއްކަމެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، މުލީ ބަނދަރާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާއީ އަދި ތަރައްޤީއާ ގުޅިފައިވާ މުހިއްމު ދެ މަޝްރޫޢުކަމަށެވެ. އަދި މިއީ އެތައް ގޮތަކުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މުހިއްމު ދެ މަޝްރޫޢުކަން މެންބަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން މުލީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 479 މީޓަރުގެ ބަނދަރެކެވެ. ބަނދަރުގެ މަސައްކަތް ނިމޭއިރު، ބަނދަރު ފުންކޮށް، 465 މީޓަރުގެ ބޭރު ތޮށްޓެއްލާ، 89 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހިގެންދާނެއެވެ. އަދި ބަނދަރުގައި ރޭމްޕް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ޕޭވްމަންޓާއި ނެރުބައްތި އަދި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.

މި މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ ގާތްގަނޑަކަށް 65.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.