ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު ސިއްޙީގޮތުން އުތުރަށް ބޮޑު ބަދަލެއް


ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ އޯޕީޑީ ޢިމާރާތުގެ މަސައްކަތް ނިންމާ، ހޮސްޕިޓަލާއި ޙަވާލުކޮށްފިއެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އައު ޢިމާރާތުގައި ޚިދުމަތް ފެށުމަށް ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.

ހޮސްޕިޓަލްގެ އޯޕީޑީ ޢިމާރާތުގެ މަސައްކަތް ނިންމާ ޢިމާރާތް ހޮސްޕިޓަލާއި ޙަވާލުކޮށްދެއްވީ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ހޮސްޕިޓަލުގެ ފަރާތުން ޢިމާރާތާއި ޙަވާލުވެލެއްވީ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު ދާއޫދުއެވެ. މި ޢިމާރާތާއެކު މުޅި އުތުރުގެ ސިއްޙީ ނިޒާމަށްވެސް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބެނީ ހަމަ އެކަނި މާލެއިންކަމަށް ޤަބޫލުކުރެވިފައި އޮތް އޮތުން ނިމުމަކަށް އައިސްފިއެވެ. ކޯވިޑްގެ މަޖުބޫރީ ޙާލަތުގެ ސަބަބުން ފެށުނު މިބަދަލު އެންމެ ބޮޑަށް ފެނިގެންދަނީ ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލަށް އޮތް ޑިމާންޑު އިތުރުވި އަނެއް ސަބަބަކީ ސަރުކާރުން ޤާއިމުކުރި ދަތުރުފަތުރުގެ ޤައުމީ ނިޒާމެވެ. މިއާއެކު ހޮސްޕިޓަލުގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ނިސްބަތް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މީގެކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ޢަދަދު ހުރީ 1000އާއި 9000އާއި ދެމެދުގައިކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާރު ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދުވަނީ 12000 އިން މައްޗަށް އަރާފައެވެ.

ޤައުމީ ފެރީ ލިންކް – އާރްޓީއެލްގެ ޚިދުމަތް އުތުރުގައި ފައްކާ ވާންވާއިރަށް ސަރުކާރުން ތައްޔާރުވީ އުތުރުގެ އެހެން ޚިދުމަތްތައް ހަރުދަނާކުރުމަށެވެ. މިގޮތުން ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް މާލެއަށް އަންނަން ނުޖެހޭނެ ގޮތަކަށް އުތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުގެ މައި ވިސްނުމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެސަރަޙައްދުގައިވެސް ހުރި އެންމެ ވަރުގަދަ ސިއްޙީ ފަރުވާ ދޭ ތަނަށް ހެދުމެވެ.

މިގޮތުން ޓަރޝިއަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިހާރު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވަގުތުން ހައްލެއް ގެނައުމަށްވަނީ އެކްސްޓެންޝަން ޢިމާރާތެއް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއް އަހަރުގެތެރޭގައި އެމްޓީސީސީއިން ވަނީ ޢިމާރާތުގެ މަސައްކަތް ނިންމާ ޢިމާރާތް ހޮސްޕިޓަލާއި ޙަވާލުކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއީ އުތުރުގެ ރައްޔިތުން އެދި އެދި ތިބި ކަމެއްކަމުން އެމްޓީސީސީގެ ވިސްނުން ހުރީ ވީއެންމެ ރަނގަޅަށް ޢިމާރާތް ތަރައްޤީކޮށް ޚިދުމަތް ވީހާވެސް އަވަހަކަށް ލިބޭނެ މަގުފަހިކުރުންކަމަށެވެ.

"ހޮސްޕިޓަލްގެ އެކްސްޓެންޝަން މަސައްކަތެއް ކުރެވިފައި މިވަނީ. އޭގެތެރޭގައި އޯޕީޑީ އެކްސްޕޭންޑް ކުރުމުގައި 24 ކޮޓަރި މިތާ ހުންނާނެ، ވޯޑު ޢިމާރާތުގައި 30 އެނދުގެ އެކުލެވިގެންވާނެ. އައިސީޔޫވެސް މިވަނީ 6 އެނދާއެކު އެކްސްޕޭންޑް ކުރެވިފައި. ޖުމްލަގޮތެއްގައި މި ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ މިތަނުން ޚިދުމަތް ފެށުނީމަ" އާޒިމް ވިދާޅުވިއެވެ.

ޒަމާނީ އައު އިމާރާތާއެކު ޚިދުމަތްތައް ފުޅާވެ، އެތައް ފަސޭހައެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ ޢިމާރާތާއެކު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެގޮތުން މީގެ ކުރިން ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ތިބިނަމަވެސް ކޮންމެ ޝިފްޓެއްގައިވެސް އެންމެ ޑޮކްޓަރަކު ހުރެގެން ދެމުން އައި ޚިދުމަތް ގިނަ ޑޮކްޓަރުންނަށް އެއްފަހަރާ ދެވިގެންދާނެއެވެ. މިގޮތަށް ޚިދުމަތް ބައްޓަން ކުރުމަށް އައު އޯޕީޑީގައި 24 ކޮންސަލްޓޭޝަން ރޫމްވަނީ ޤާއިމުކޮށްފައެވެ.

ހޮސްޕިޓަލަށް އަލަށް ލިބިގެންދިޔަ ޢިމާރާތާއެކު ޚިދުމަތަށް އިތުރު ބަދަލުތަކެއް ގެނެސް ކުރިމަގަށްވެސް މުހިއްމު ޕްލޭންތަކެއް ހޮސްޕިޓަލުން ގެންގުޅޭކަމަށް ހޮސްޕިޓަލްގެ ސީއީއޯ އަޙްމަދު ދާއޫދުވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެނަށް ކުރިއަށްވެސް މުހިއްމު ޕްރޮޖެކްޓެއް އެބައޮތް، މިހާރު ބޭނުންކުރަމުންދާ އޯޕީޑީ ޢިމާރާތް އީއާރަކަށް ބަދަލުކުރުން. މިހާރު ހޮސްޕިޓަލުގައި އެކަށީގެންވާ އީއާރްއެއް ނެތް. އެމަސައްކަތްވެސް އިރާދަކުރެއްވިޔާ މިއަހަރު ތެރޭގައި ކުރެވޭނެ. އޭރުން ސަރުކަރުން ވަޢުދުވެފައިވާ 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލް އައުމާ ހިސާބަސްވެސް އަދި ކުރިއަށް މިއޮތް 5 އަހަރަށްވެސް ބޭނުންކުރެވޭނެ ވަރުގެ އީއާރްއެއް ލިބިގެންދާނެ" ދާއޫދު ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ މިހާރު ބޭނުންކުރަމުންދާ ޢިމާރާތުގައި ދެމުންދާ އެތައް ޚިދުމަތެއް އައު ޢިމާރާތަށް ބަދަލުކުރުމަށާއި އިތުރު ޚިދުމަތް އެތަނުގައި ތަޢާރަފްކުރުމަށްވެސް ހޮސްޕިޓަލުންވަނީ ނިންމާފައެވެ. މިގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޢާއްމު އޯޕީޑީއާއި ބޭސްއަޅާ ކޮޓަރިއާއި، ސާމްޕަލް ކަލެކްޝަން އޭރިއާގެ އިތުރުން ރިސެޕްޝަންވެސް އައު ޢިމާރާތަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 121،841 މީހުންވަނީ ޚިދުމަތް ހޯދާފައެވެ. އެހެންކަމުން އަލަށް ޤާއިމުކުރެވުނު އޯޕީޑީ ޢިމާރާތާއެކު މިޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވިގެންދާނެކަމަށް ހޮސްޕިޓަލުން އަންދާޒާކުރެއެވެ.