ޚަބަރު

ޒުވާނުންގެ ތަޢުލީމާއި ހުނަރު ކުރިއަރުވަން ވެލިދޫގައި ޖޫނިއަރ ކޮލެޖެއް


ޖޫނިއަރ ކޮލެޖަކީ ރާއްޖޭގެ މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށް ކުރިއެރުވުމަށް ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި މިކަމަކީ ހުރިހާގޮތަކުންވެސް މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖް ބިނާކުރުމާ ގުޅޭގޮތުން ވެލިދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ޖޫނިއަރ ކޮލެޖް ބިނާކުރުމުގެ މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މިސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން ހއ.ދިއްދޫއާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ނ.އަތޮޅު ވެލިދޫއަކީ ޖޫނިއަރ ކޮލެޖް ޤާއިމްކުރަން ނިންމެވި 3 ވަނަ ރަށެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ.ވެލިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސްވަނީ ވެލިދޫގައި ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ތިން ރަށެއްގައި ޖޫނިއަރ ކޮލެޖް ބިނާކުރުމަށް ނިންމާފައިވާއިރު މީގެ ތެރެއިން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖް ބިނާ ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން 2 އަހަރާއި 3 މަސްދުވަހުގެ ތެރޭގައި ކޮލެޖް ތަރައްޤީކޮށް ނިންމަން ޖެހެއެވެ. މިކޮލެޖް ހިންގުމަށް ވިލާއަށް ދީފައިވަނީ 50 އަހަރުގެ މުއްދަތެކެވެ. ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަމަވެސް މި ދެތަނުގައިވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް ހިންގުމަށް މަގުފަހިވާނެއެވެ.

މިއިން ކޮންމެ އިންސްޓިޓިއުޓެއްގައި ވޯކްޝޮޕްތަކާއި ކްލާސް ރޫމްތަކާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. ހަމައެއާއިއެކު، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެއެވެ.

ވެލިދޫގެ ކައުންސިލާ ބައްދަލުކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނ.ވެލިދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖުގައި ތަފާތު ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ދަނާލަކާއެކު އިންސްޓިޓިއުޓް ތަރައްޤީކުރެވިއްޖެނަމަ ދެމެހެއްޓަނިވި ގޮތެއްގައި މިތަން ހިންގުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޖޫނިއަރ ކޮލެޖަކީ ރާއްޖޭގެ މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށް ކުރިއެރުވުމަށް ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި މިކަމަކީ ހުރިހާގޮތަކުންވެސް މުޖުތަމައަށް ފައިދާހުރި މަސައްކަތެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ވެލިދޫ ކައުންސިލުންވެސްވަނީ ވެލިދޫ މިފަދަ ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާތީ އެކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ތަޢުލީމީ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަށް އެކި ގޮތްގޮތުން ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. މަތީ ތަޢުލީމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ މަގުފަހިކޮށްދީފައިވާއިރު މިހާތަނަށް 16000 އަށްވުރެ ގިނަ ދަރިވަރުން މިފުރުސަތުގެ ބޭނުންކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސްކޯލަރޝިޕްގެ ފުރުސަތުތައް އެކި ޤައުމުތަކާއި ގުޅިގެން އަންނަނީ ހޯދައިދެމުންނެވެ.