ޚަބަރު

ދުނިޔޭގެ ބައްރުތަކުން ބޮޑެތި މަތިންދާ ބޯޓް ފަހަރު ޖެއްސޭނެ އެއަރޕޯޓަކަށް ހަނިމާދޫވާނެ : ރައީސް


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީވެ ނިމިގެންދާއިރު، އެ އެއަރޕޯޓަށް ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް ދަތުރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށް ހަނިމާދޫގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފެށުނީ މިބޮޑުއުތުރާއި، މުޅި ބޮޑުތިލަދުން މައްޗަށް ތާރީޚުގާވެސް އަންނަ ، އެންމެ ބޮޑު ބަދަލުކަމަށެވެ. އަދި މިއީ ތިލަދުންމައްޗާއި، މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ ހަނިމާދޫ އަދި މި ބޮޑު ތިލަދުންމަތީ ރައްޔިތުން ދެކެމުން އައި ހުވަފެނުގާ ހަޤީޤީ ކުލަ ޖެހިގެންދިޔަ ދުވަސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް ފެށިގެން މިދިޔައީ ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށްކަމަށެވެ. އަދި މި އެއަރޕޯޓު ވެގެންދާނީ މުޅި ބޮޑުތިލަދުންމައްޗާއި އުތުރުގެ ރައްޔިތުން ފަޚުރުވެރިވާފަދަ ޒަމާނީ އެއަރޕޯޓަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަމަލީ މަސައްކަތް މިފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ، 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެ ބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފަ. މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް. 2.46 ކިލޯމީޓަރުގެ އާރަންވޭއަކީ، ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް އަޅާ ރަންވޭއެއް. މީގެ އިތުރަށް ، ބައިނަލް އަގްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތައް ހަނިމާދޫގާ ގާއިމް ކުރެވޭނެ އެއަރޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާ، މިއުތުރުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ، ޒަމާނީ އެއަރޕޯޓަކަށް" ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫޢުގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތްތަކާއި، ސައިޓު ކްލިއަރެންސްގެ މަސައްކަތްތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއާ ކައިރިން، ދުނިޔޭގެ މައި ޝިޕިންގ ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައް ދޭ ޒަމާނީ މެރިޓައިމް ހަބެއް އިހަވަންދިއްޕޮޅުގައި ޤާއިމުކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގައިވެސް ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެކެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމުގެ ދޮރު ހުޅުވާލަދޭނެ މަޝްރޫޢެކެވެ. އަދި ހަމައެހެންމެ، މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިޤްތިޞާދަށް އާރޯކަން ލިބިގެންދާނެއެވެ.

މުޅި މި މަޝްރޫޢު 2024 ގައި ނިންމާ ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.