އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގެ ސީޓީބީގެ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިމަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ ނިސްބަތުން އެއްރަށެއްގައި އެންމެ ބޮޑު އާބާދީއެއް އޮތް އެއް ރަށަކީ އައްޑޫ ސިޓީ ހިތަދޫއެވެ. އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ހިތަދޫގެ މަގުތަކުގެ 14.2 ކިލޯމީޓަރު މަގުގައި ސިމެންޓް ޓްރީޓެޑް ބޭސް ނުވަތަ ސިމެންތި ފަށަލަ އަޅައި ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 67 ކިލޯމީޓަރުގެ މަގުގައި މިފަށަލަ އެޅުމަށްވަނީ ހަމަޖެހިފައެވެ.
މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ގާ އެޅުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 2.47 ކިލޯމީޓަރުގެ މަގުގައި ގާއަޅާ ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކާނުގެ މަސައްކަތުގެ 28.69 ކިލޯމީޓަރުގެ މަސައްކަތް ނިމިފައިވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
އައްޑޫ ސިޓީ މަގު ހެދުމުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަޝްރޫއު ޙަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. މިއީ ތިލަމާލޭ ބްރިޖު މަޝްރޫޢުވެސް ކުރިއަށްގެންދާ ކުންފުންޏެވެ. އައްޑޫ މަގުހެދުމުގެ މަޝްރޫޢަކީ 1.1 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އާބާދީގައި 16000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އައްޑޫ ސިޓީގައި ހިންގާ މި މަޝްރޫޢާއެކު ވިއްސާރަވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ މަގުތައް ބޭނުން ނުކުރެވިގެން މީގެކުރިން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަށް ނިމުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ މަރިޗު މަހުގައި ފަށާފައިވާއިރު ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ މޭއިމަހުގެ ތެރޭގައެވެ.