ޚަބަރު

ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި


ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ގއ. ވިލިނގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން އަދިި އެރަށު ކައުންސިލް މެމްބަރުންނެވެ.

އާބާދީ އިތުރުވަމުން އަންނަ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ.

ވިލިނގިލީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 700 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. އެގޮތުން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ސިޓީންރޫމް، ބަދިގެ، ކާގެ، ބެލްކަނީ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

މި 50 ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވިލިނގިއްޔަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަނގަޅު އިޤްތިޞާދެއް އޮތް ރަށެއްކަމަށެވެ.

އެގޮތުން ވިލިގިއްޔަކީ އެކި އެކި ބޭނުންތަކަށް އެރަށަށް ދިރިއުޅުން ބަދަލުކޮށްގެން އެހެނިހެން ރަށް ރަށުގެ މީހުންވެސް ވަޒަންވެރިވެފައިވާ ރަށެއްކަން އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. އެގޮތުން ގެދޮރު އަޅަން ނުވަތަ އާބާތުރަ ފިލުވަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު ގެދޮރުވެރިޔާގެ ލޯނުގެ ދަށުން މިހާތަނަށް ގއ.އަތޮޅަށް އެކަނިވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަމަޖައްސައި ދީފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

"ގެދޮރުވެރިޔާގެ ލޯނުގެ ދަށުން މިހާތަނަށް މި އަތޮޅަށް ވަނީ 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަ ޖައްސައިދީފައި. މީގެ ތެރެއިން 9.5 މިލިޔަން ރުފިޔާ ހަމަޖައްސައި ދެއްވާފައި ވަނި ވިލިނގިލީ ރައްޔިތުއްނަށް" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވިލިނގިލީގެ ރައްޔިތުން އެދެމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެރަށުގައި އިތުރު 50 ހައުސިންގ ޔުނިޓް އަޅުއްވާ ދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ ވިލިނގިލީގައި ހިންގަމުން މިދާ މަޝްރޫޢުތަށް ފުރިހަމަ ވުމުން ވިލިނގިލިވެގެން ދާނީ އެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ ހަބަކަށްކަމަށެވެ.

"ވިލިނގިލީގައި ހިނގަމުންމިދާ މަޝްރޫޢުތަކަކީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު މަޝްރޫއުތަކެއް، މި ކަން ކަން ފުރިހަމަވުމުން ވިލިނގިލި ވަނީ މި ސަރަހައްދުގެ ވަރުގަދަ އިގްތިސާދީ ހަބަކަށް ، މި ސަރަހައްދުގެ އާރބަން ޑިވްލޮޕްމަންޓްގެ ހަބަކަށް ވަނީ " ސަޢުދު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމަނައިގެން، ހައުސިން ޔުނިޓްތައް ހަދާ ސަރަޙައްދަށް ބޭނުންވާ ބައެއް އާއްމު ޚިދުމަތްތައް ޤާއިމުކުރުން ހިމެނެއެވެ. އެގޮތުން ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދު އަލިކުރުމަށް ލައިޓް ޖެހުމާއި، ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ހެދުން ހިމެނެއެވެ. މީގެއިތުރުން ހައުސިންގ ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، އެތަނުގައި ޕާކެއް ހެދުންވެސް ހިމެނެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.