ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަސްތުވާތަކެއްޗެއް ނުގެއްލޭ: ކަސްޓަމްސް


ކަސްޓަމްސްގެ ބެލުމުގެ ދަށުން އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ޤާނޫނުން ކަސްޓަމްސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެފަދަ ޢަމަލުތައް ކަސްޓަމްސްއިން ކުށްވެރިކުރިކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސްއިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް އައި މީހަކު އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި އެއަރޕޯޓުން ގެއްލިފައިވާކަމުގެ ޚަބަރު މީޑިއާތަކުގައި ދައުރުވަމުން ދިޔުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ސަރވިސްގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް އަތުލައިގަނެވޭ މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓުކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކަމުގައި ޝަމިލުވާ މީހުން ފުލުހުންނާއި ވަގުތުން ޙަވާލުކުރާކަމަށެވެ. އަދި މިހާތަނަށް މިފަދަ ގޮތަށް އަތުލައިގަނެވިފައިވާ އެއްވެސް މަސްތުވާއެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާނެކަމުގެ ޔަޤީންކަން ކަސްޓަމްސްއިންވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.


ކަސްޓަމްސްއަށް ލިބޭ ކޮންމެ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކޮންމެ ދުވަހަކުވެސް ބަލާފާސްކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރިނަމަވެސް މިހުރިހާ ފަހަރަކީ މަސްތުވާތަކެތި ފެންނަ ފަހަރެއް ނޫންކަން ކަސްޓަމްސްއިން ފާހަގަކުރައްވައެވެ. އަދި ނިމިދިޔަ 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު އަހަރުކަން އެސަރވިސްއިން ފާހަގަކުރެއެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވެފައިވަނީ ރާއްޖެއަށް ޕާކިސްތާނުން އައި މީހެއް މަސްތުވާތަކެއްޗާއެކު ކަސްޓަމްސްއިން އަތުލައިގަނެ އެމީހާ ފުލުހުންނާއި ޙަވާލުކުރިއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، މަސްތުވާތަކެތި ހުރި ލަގެޖް ފުލުހުންނާއި ޙަވާލުކޮށްފައިނުވާކަމަށެވެ. އަދި މިއީ މިމަހު 8 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވެފައިވާ މީހެއްކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު މަސްތުވާތަކެތި ހިމެނޭ ލަގެޖް ޙަވާލު ނުކުރުމުގެ ސަބަބުން، ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިކަން އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެއަރޕޯޓުގެ ބައެއް މުހިއްމު ދިމަދިމާގައި ކެމެރާ ނެތްކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.