ތިމާވެށީގެ ދާއިރާއިން އިތުރަށް ކުރިއެރުންތައް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ޑޮމިނިކަން ރިޕަބްލިކާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެއްވީ، ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރުގެ، ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ޑޮމިނިކަން ރިޕަބްލިކުގެ ސަފީރު ވަނީ، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާއެކު، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ދެބޭފުޅުންވެސް ވަނީ، ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ، 17 މާރިޗު 2010ގައެވެ.