ޚަބަރު

ސްޕޯޓްސް ފިޝިން ދާއިރާގެ 2ވަނަ ބައްދަލުވުން އަންނަމަހު


  • ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައި

  • ބައްދަލުވުން އޮންނާނީ އޯގަސްޓު 15ގައި

  • ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް މަޝްވަރާކުރާނެ

މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކާއި، ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް ފިޝިންގގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން އޯގަސްޓު މަހުގެ 15 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމާއި، މި ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައި، މިހާރަށްވުރެ ބޮޑަށް ދެމެހެއްޓެނިވި ގޮތެއްގައި ސްޕޯޓްސް ފިޝިން ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އެ ވުޒާރާއިން ވަނީ، މި ބައްދަލުވުމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން ކަނޑައަޅާފައިވާ އޮންލައިން ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ޖާގަ އޮތް މިންވަރަށް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އަދި މީގެކުރިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކޮށް، ޖާގަ ނެތުމުގެ ސަބަބުން ފުރުސަތު ނުލިބުނު ފަރާތްތަކަށް މި ބުރުގައި ޚާއްޞަ އިސްކަމެއް ދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިންއަކީ، މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ހަރަކާތަކަށްވާއިރު، ސްޕޯޓްސް ފިޝިންއާއި ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. މި ބަނދަރުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރެންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސް އެކުއެވެ.