މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ. ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަންކޮށްފިއެވެ.
ޣާޒިޔާއަކީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، ފިސްކަލް ރިސްކް އެނަލިސިސް އަދި ސަރުކާރުގެ ފައިނޭންސިންގ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ހުންނެވީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޑެޓް މެނޭޖްމަންޓުގެ މަޤާމާއި، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަޤާމުގައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ ވަނީ އައްޔަނުކޮށްފައި pic.twitter.com/j2vO7ylppC
— Privatization & Corporatization Board (@pcb_gov) July 22, 2026
މިފްކޯގެ ބޯޑަށް އައްޔަން ކުރެއްވުމުގެ ކުރިން ޣާޒިޔާ ވަނީ، ޑެޓް ސްޓްރެޓެޖީ އެންޑް ރިސްކް މެނޭޖްމަންޓު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އޮޑިޓިންގ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު، އެކައުންޓިންގ، ފައިނޭންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ލެކްޗަރައެއްގެ ގޮތުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ޣާޒިޔާއަކީ، މިހާރުވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޮން-އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ. އޭނާ ވަނީ، ޗައިނާގެ ބެއިޖިންގގައި ހުންނަ ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސްއިން މާސްޓަރ އޮފް އިކޮނޮމިކްސް ހާސިލުކުރައްވާފައެވެ. އަދި އެޕްލައިޑް އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލު ކުރެއްވުމުގެ އިތުރުން، އޭނާއަކީ އޭސީސީއޭ އެފިލިއޭޓެއްވެސްމެއެވެ.