ޚަބަރު

ހަނިމާދޫއިން 200 ގޯތި، ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް


ހަނިމާދޫއަކީ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އުތުރުގައި މީހުން އެއްފަސްކުރަން ފެށި ރަށްރަށުގެ ތެރެއިން އެއް ރަށެވެ.

ހަނިމާދޫއަށް މީހުން ބަދަލުކޮށްފައިވަނީ، އެއަތޮޅު ހޮނޑާފުއްޓާއި ހަތިފުށިންނެވެ. ބަދަލުވި ރަށްރަށުގެ ރައްޔިތުންނާއެކު ހަނިމާދޫގައި މިހާރު ދިރިއުޅެމުންދާ އާބާދީ 2000 އިން މައްޗަށް އަރައެވެ.

ގުދުރަތީގޮތުން ހަނި ދިގަށް އުފެދިފައި އޮތް ހަނިމާދޫއަކީ އުތުރުގެ ބިން ބޮޑު ރަށެކެވެ. 305 ހެކްޓަރުގެ ބޮޑު ރަށެކެވެ. އުތުރުގެ އެންމެ ފުރަތަމަ އެއަރޕޯޓް ހަނިމާދޫ އެއަރޕޯޓް ހިންގުމަށް ރަށުން ބޮޑު ސަރަޙައްދެއް ބޭނުން ކުރެއެވެ.

އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް، ހަނިމާދޫއަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑެވެ.

ހަނިމާދޫއިން އެންމެ ފަހުން މީހުން ދިރިއުޅެން ރޯހައުސް ދޫކުރީ، ރަށަށް މީހުން ބަދަލުކުރުމަށެވެ. އެއީ މީގެ 9 ވަރަކަށް އަހަރު ކުރިންނެވެ. އެބުރުގައި ރޯހައުސް ދޫކުރީ ހއ. ހަތިފުށިން ހަނިމާދުއަށް މީހުން ބަދަލުކުރުމަށް 70 ރޯހައުސް އަދި 30 ރޯހައުސް ވިއްކާފައިވެއެވެ. މިއީ 3 ކޮޓަރީގެ 100 ރޯހައުސްއެވެ. މީގެތެރެއިން ބައެއް ގެތަށް ރަށުގެ ރައްޔިތުންނަށްވެސް ދޫކުރިއެވެ.

ނަމަވެސް ގެދޮރު އިމާރާތްކުރުމަށް ބިން ދޫނުކުރާތާ އެތަށް ޒަމާނެއް ވަނީ ވެފައެވެ. އެންމެ ފަހުން ރަށުން ގެވަޅު ދޫކުރީ 2011 ވަނަ އަހަރުއެވެ. އެއީ 130 ގޯއްޗެވެ. އޭގެ ފަހުން ހަނިމާދޫގެ ރައްޔިތުންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ މަސައްކަތެއް ހިންގާފައެއް ނުވެއެވެ.

ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ރަށުގައި ގޯތި ބޭނުންވާ 700 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީހުންނާ އިނދެ ދަރިން ލިބި އެއް ގެއެއްގެ ތެރޭގައި އެތަށް އާއިލާތަކުން އަންނަނީ ދިރިއުޅެމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ރަށުން 200 ގޯތި ދޫކުރުމަށް ނިންމާ، ކައުންސިލުން އިޢުލާންކުރީ މިދިޔަ އަހަރު ފެބްރުއަރީމަހުއެވެ. މިއީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް، އަމިއްލަ ރަށުގައި ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ދޫކުރަން ނިންމި ގޯތިތަކެކެވެ.

ކައުންސިލުން މަޢުލޫމާދު ދިން ގޮތުގައި ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި ގޯތި ބޭނުންވެގެން 500 އަށްވުރެ ގިނަ މީހުން ފޯމު ނެގިއެވެ. ކައުންސިލުން މިހާރު މިވަނީ ރަށުން ގޯތި ލިބުނު މީހުން ކަނޑައަޅާފައެވެ.

އެގޮތުން ފޯމު ހުށައެޅި މީހުންގެ މެދުގައި ގުރުއަތު ނަގާ، ލިސްޓް އެކުލަވާލާފައެވެ. އަދި އެމީހުންންނަށް ގޯތި ލިބޭ ސަރަޙައްދުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

ހަނިމާދުއިން ދޫކޮށްފައިވަނީ 3000 އަކަފޫޓުގެ 200 ގޯއްޗެވެ. ހަނިމާދޫއިން މިފަހަރު ގޯތި ދޫކޮށްފައިވަނީ ރަށުގެ 2 ސަރަޙައްދަކުންނެވެ. އެއީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންނާއި، ހަތިފުށީ ރައްޔިތުން އާބާދުވީ ސަރަޙައްދުގެ އިރުމަތީ ފަރާތުންނެވެ.

މި ދޫކުރި 200 ބިމާއެކު، ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ލުޔެއް ލިބޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.