ޚަބަރު

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ސިފަކުރެއްވީ "މިރެކަލް"އެއްގެ ގޮތުގައި


ދިވެހިންނަކީ މެހެމާންދާރީގައި ދުނިޔޭގައި ނަމޫނާއަކަށް ބަލާ ޤައުމެކެވެ. މިއީ ހަޤީގަތެއްކަން ދިވެހިން ވަނީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުން ސާބިތުކޮށްދީފައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ތިން އަހަރު ހޯދޭނީ ގައިމުވެސް ރަނގަޅު މެހެމާންދާރީއެއް އަދާކޮށްގެންނެވެ. މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްވެސް، ރާއްޖޭގެ މެހުމާންދާރީގެ ވާހަކަދައްކައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުވެސް އެކަން ފާހަގަކުރައްވާނީ ރާއްޖޭގެ މެހުމާންދާރީ ފުރިހަމަކަމުންނެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގަތުމަށްފަހު މަޑުކުރައްވައިގެން ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެން، ކުރެވުނު ތަޖުރިބާ އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ވަނީ ހިއްސާކުރައްވާފައެވެ.

ޕޯސްޓުގެ ކެޕްޝަނުން ފެށިގެން އެމަނިކުފާނުގެ ޕޯސްޓަށް ކޮމެންޓުކުރި ފަރާތްތަކަށް ރިޕްލައި ދެއްވަމުންވެސް ދެއްކެވީ ރާއްޖޭގެ ހިތްގައިމުކަމާއި، މެހެމާންދާރީގެ ފުރިހަމަކަމުގެ ވާހަކައެވެ. އެއާއެކު ކެމްބޯޑިއާގެ ގިނަ ބަޔަކުވެސް ވަނީ އެމަނިކުފާނު ސިފަކުރެއްވި ތަޖުރިބާތައްކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރެއްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ބަޔާނުގައިވެސް ވަނީ ރާއްޖޭގެ ހިތްގައިމުކަމާއި، މެހުމާންދާރީގެ ފުރިހަމަކަމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެގޮތުން، ހުން ސެން ރާއްޖެ ސިފަކުރެއްވީ އިންޑިއާ ކަނޑުގައި އޮންނަ "މިރެކަލް" އެއްގެ ގޮތުގައެވެ.

ހުން ސެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދަރިންނާއި، ދައްތަގެ ދަރިންނާއި އާއިލާގެ އެހެން މެންބަރުންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި އެމަނިކުފާނަކީ އެއާއިލާގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރެވުނު ފަހު ފަރާތްކަމަށް ފާހަގަކުރައްވަމުން ހުން ސެން ވިދާޅުވީ ރާއްޖެއަކީ އެއާއިލާގެ މެދުގައި މަޤުބޫލުކަން ހޯދަައިފައިވާ ތަނެއްކަމަށެވެ.

ރާއްޖެއާއި ކެމްބޯޑިއާ އިޤްތިޞާދުގެ މައި ސިނާޢަތަކީ ފަތުރުވެރިކަމެވެ. އެހެންކަމުން، ދެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ހުން ސެންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހުން ސެން ވިދާޅުވީ ދެ ޤައުމަކީ ތަޤާފީ ގޮތުން ވަރަށް ތަފާތު ދެ ޤައުމެއްކަމަށެވެ.

އެހެންކަމުން، މިފަދަ ތަޖުރިބާކުރުމަށް ރާއްޖެއިން ކެމްބޯޑިއާއަށް އަދި ކެމްބޯޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ މިއަދު އިތުރު ތަޢާރަފަކަށް ބޭނުންވާނެ މަންޒިލެއް ނޫނެވެ. ފަތުރުވެރިކަމަށް 50 އަހަރު ފުރިފާވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައިއެވެ.

އެގޮތުން، ރާއްޖެއިން ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަޤްބު ޖެހިޖެހިގެން 3 ފަހަރު ހޯދާފައިއެވެ.

ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. އަދި މިފެށުނު 2023 ވަނަ އަހަރު ނިމޭއިރު، 8.2 އިންސައްތައިން ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރައްވާފައެވެ. ނިމުނު 2022 ވަނަ އަހަރު ވަނީ ފަތުރުވެރިކަމުގެ އަމާޒުކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުވެސް ހާސިލްކޮށްފައެވެ.