ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
ނޫމަރާއަކީ ގުދުރަތީ ފަޅު ކުޑަ، ގާމަތީ ރަށެކެވެ. ނޫމަރާފައި ބަނދަރެއް ތަރައްޤީކުރީ 2012 ވަނަ އަަހަރުއެވެ. އެއީ 250 ފޫޓު ދިގު 50 ފޫޓު ފުޅާ ބަނދަރެކެވެ.
ރަށުގެ ބަނދަރު އޮންނަ ފަޅީފައި ފަޅު ނެތުމުގެ ސަބަބުން ބަނދަރު ހަދާފައިވަނީ ރަށު ތެރެއަށް 80 ވަރަކަށް ފޫޓު ކޮނެގެންނެވެ. މޫސުން ގޯސް ދުވަސްވަރު ނޫމަރާގެ ބަނދަރު ބޭނުންކުރުމަކީ ވަރަށް ދަތި ކަމެކެވެ.
ހުޅަނގުގައި ހަޅަޖަހާ ރާޅު ބޮޑުވާއިރު ރަށުގެ ނެރު ބޭނުންކުރުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން ބަނދަރަށް ވެލި އަރާ ތިލަވެ، ބަނދަރު ބޭނުންކުރުން އޮތީ ވަރަށް ދަތިވެފައެވެ. ދެ މޫސުމުގައިވެސް ރަށުގެ ބަނދަރަށް ވެލި ވަދެއެވެ.
ނޫމަރާ ބަނދަރު އޮންނަގޮތުން ތިލަވުމުގެ ސަބަބުން އުޅަނދު އެރުންފަދަ ހާދިސާތައްވެސް ގިނަ ރަށެވެ.
އެގޮތުން އޮޑިފަހަރާ، ތެޔޮ ބޯޓު އަދި ބާޖުފަދަ އުޅަނދުތައް ނެރު ފައި ކައްޓަށް އުރި، އެކި ކަހަލަ ޙާދިސާތަށް ހިނގާފައި އެބަހުއްޓެވެ. މިމަހުގެ ތެރޭގައި އާރްޓީއެލް ފެރީއެއްވެސް ނޫމަރާ ނެރު ފައިކައްޓަށް އަރާފައިވެއެވެ.
ބަނދަރަށް އެޅިފައިވާ ވެލިތަށް ނަގާ، ބަނދަރު ފުންކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރި މަސައްކަތް އެ ކުންފުނިން މިހާރު މިވަނީ ނިންމާފައެވެ. އެގޮތުން 6347 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިއާއެކު ނެރާ ބަނދަރު ބޭނުންކުރުމާއި، ބަނދަރަށް ވަދެނިކުމެ އުޅުމުގައި ރައްކާތެރިކަންވަނީ އިތުރުވެފައެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަވަނީ ލިބިފައެވެ.
ށ. ނޫމަރާއަކީ 518 މީހުންގ އާބާދީއެއް އޮތް ރަށެއް ނަމަވެސް، ރަށުގައި ދިރިއުޅޭ އާބާދީ ނިސްބަތުން ވަރަށް ކުޑައެވެ. ނޫމަރާއަކީ 41 ހެކްޓަރުގެ ރަށެކެވެ. ނޫމަރާގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތެވެ.