އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢޫތަކުގެ ތެރެއިން 3 ރަށެއްގެ ރޯހައުސްތަކުގެ މަސައްކަތްތަކުގެ %95 އަށްވުރެ ބޮޑު ބައެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. މި ރަށްތަކަކީ ބ. ތުޅާދޫ، ތ. ތިމަރަފުށި އަދި ހދ. ނޮޅިވަރަންފަރެވެ.
އަތޮޅުތަކުގެ އާބާދީ އިތުރުވަމުން އަންނަ ރަށްތަކަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، ރަށްރަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިވެގެންދިއުމެވެ. ބިން އޮތް ރަށްތަކުން ގޯތި ދޫކުރުމާއި، އަދި ރަށްރަށުގައި ރޯހައުސްތަކާއި، ފްލެޓްތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.
މިހާތަނަށް އައިއިރު 5 ރަށެއްގައި 251 ހައުސިންގ ޔުނިޓްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިވަގުތުވެސް 9 ރަށެއްގައި 830 ޔުނިޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން އަތޮޅުތަކުގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން 3 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދަނީ، ނިންމުމުގެ މަރުޚަލާގައިކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މީގެތެރޭގައި ހިމެނެނީ ތިމަރަފުށީގައި ތަރައްޤީކުރަމުންދާ 100 ރޯހައުސްގެ މަސައްކަތާއި، ތުޅާދޫގައި ތަރައްޤީކުރަމުންދާ 100 ހައުސިން ޔުނިޓްގެ މަސައްކަތެވެ. މީގެއިތުރުން މީގެ 10 އަހަރު ކުރިން ހދ. ނޮޅިވަރަންފަރުގައި ފަށާ، ހުއްޓާލާފައި އޮތް 100 ރޯހައުސް ނިންމުމުގެ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގައިވެސް ކޮންސްޓްރަކްޝަން މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ ފިނިޝިންގގެ މަސައްކަތްތަކެވެ.
މި 3 ރަށުގެ މަސައްކަތް ނިމިފައިވާ މިންވަރަށް ބަލާއިރު، ތުޅާދޫ ރޯހައުސްތަކުގެ %98 މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރަމުންދަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތެވެ.
ތިމަރަފުށީ 100 ރޯހައުސްގެ %95 މަސައްކަތް ވަނީ ނިމިފައެވެ. މި ރޯހައުސްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް، ތިމަރަފުށީ ކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ.
ދެން ހިމެނެނީ ހދ. ނޮޅިވަރަންފަރުގައި މީގެ 10 އަހަރު ކުރިން 2012 ވަނަ އަހަރު ފެށި 100 ރޯހައުސް ނިންމުމުގެ މަސައްކަތެކެވެ.
އޭރުގެ ސަރުކާރު ބަދަލުވުމާއެކު މި ޕްރޮޖެކްޓް އޮތީ ކުރިއަށް ނުންގެންގޮސް ހުއްޓާލާފައެވެ. މިދިޔަ އަހަރު މި މަސައްކަތް އަލުން ކޮންޓްރެކްޓަރަކާ ޙަވާލުކޮށް، މިހާރު މަސައްކަތުގެ %98 ނިމިފައިކަމަށް ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އަދި މި ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ސަރުކާރުން ތަރައްޤީކުރާ ރޯހައުސްތަކަކީ 3 ކޮޓަރީގެ ރޯހައުސްތަކެވެ. އަދި 3 ފާޚާނާއާއި، ބަދިގެ، ސިޓީންގ ރޫމް، ލޯންޑްރީ އަދި ގޯތި ތެރޭގައިވެސް ކުޑަ ހުސް ޖާގައެއް އޮންނަ ގޮތަށް ތަރައްޤީކުރާ ޔުނިޓްތަކެވެ.
ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވި މި 3 ރަށުގެ ރޯހައުސްތައް، ވަރަށް އަވަހަށް އޭގެ ޙައްގުވެރި ފަރާތްތަކާއި ހަވާލުކުރާނެކަމަށެވެ.