ޚަބަރު

ސައޫދީ ފަންޑުން ހިންގަވާ ޕްރޮޖެކްޓްތައް އެޕްރޫވްކުރަން ފޮނުވައިފި


ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރެއްވުމަށް ސަޢޫދީ ފަންޑުން ދިވެހި ސަރުކާރަށް ލިބިވަޑައިގެންފައިވާ އެހީއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތްތައް ޓެންޑަރކުރުމަށް ސަޢޫދީ ފަންޑުގެ އެޕްރޫވަލަށް ފޮނުވާފައިވާކަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ސަޢޫދީ ފަންޑުން ލުއި ލޯނުގެ ގޮތުގައި 80 މިލިއަން ޑޮލަރު ވަނީ ދީފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުތައް ހިންގުމަށް ސަޢޫދީ ފަންޑުން 80 މިލިއަން ޑޮލަރުގެ ލުއި ލޯނު ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޕީއެސްއެމްއަސް ދެއްވި އިންޓަރވިއުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސަޢޫދީ ފަންޑުން ދީފައިވާ ލޯނު އެހީއިން ކުރައްވަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަންކަމަށް ޓެންޑަރ ކުރެއްވުމަށް ސަޢޫދީ ފަންޑުގެ އެޕްރޫވަލްއަށް މިހާރު ފޮނުފައިވާކަމަށެވެ. އެޕްރޫވަލް ލިބުމުން ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ސައިމަން ވިދާޅުވިއެވެ. ސަޢޫދީ ފަންޑުން ދީން ލޯނު އެހީގެ ބޮޑުބައެއް ޚަރަދު ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ ހުޅުމަލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވުމަށް އަޅަންޖެހޭ ބްރިޖްތަކުގެ މަސައްކަތަށެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ކުރަންޖެހޭ ހުރިހާ ޝީޓްޕައިލްގެ މަސައްކަތާއި، ދެ ހާރބަރގެ މަސައްކަތްވެސް ކުރެއްވުމަށް ނިންމަވާފައިވަނީވެސް މި ލޯން އެހީގެ ދަށުންކަމަށް ސައިމަން ވިދާޅުވިއެވެ. އަދި ޓޫރިޒަމް ޑިސްޓްރިކްޓްގެ ޗެނަލް ކަނޑާއި، އެ ޗެނަލް ތައްޔާރުކުރެއްވުމާއި، ޓޫރިޒަމް ޑިސްޓްރިކްޓްގައި ހައްދަވާ ދެ ބްރިޖްގެ އިތުރުން ޔޮޓް މެރީނާ އަދި، ކްރޫޒް ޓާރމިނަލްގެ އަޅުއްވާ ބްރިޖަށްވެސް ހޭދަކުރެއްވުމަށް ނިންމަވާފައިވަނީ، ސަޢޫދީ ފަންޑުގެ ލުއި ލޯނުންކަން ސައިމަން ފާހަގަކުރެއްވިއެވެ. މަސައްކަތްތައް ފެށުމަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރަނީ، ސައުދީ ފަންޑުގެ ޕްރޮކިއުމަންޓް އުސޫލްތަކާ އެއްގޮތަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މައި މަގުތައް ހެދުމުގެ މަސައްކަތެވެ. އަދި އެތަނަށް ބޭނުންވާ ކަރަންޓާއި ފެނުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން ވަނީ ނިންމާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ، ސަތޭކަހާހަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް އަމާޒުކުރައްވައިގެން ތަރައްޤީ ކުރައްވާ ތަނެކެވެ.