ޚަބަރު

މިދިޔަ އަހަރު އެކަނިވެސް ލޮލު ރޯގާގެ 12000 އަށްވުރެ ގިނަ ކޭސް


މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލޮލުރޯގާގެ 12،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާލޭ ސަރަޙައްދުގެ އިތުރުން ދެން އެންމެ ގިނައިން ލޮލުރޯގާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ލ. އަތޮޅުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ، ލޮލު ރޯގާ ޖެހިގެން މި ދުވަސްވަރު ރިޕޯޓު ކުރާ މީހުންގެ ޢަދަދު އިތުރުވެފައި ވާކަމަށައެވެ. އެގޮތުން އެ އެޖެންސީން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ލޮލު ރޯގާޖެހިގެން މިދިޔަ އަހަރު މުޅި ޖުމްލަ 12،555 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 6169 ކޭސް އަކީ 5 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ. 6386 ކޭސް އަކީ 5 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަހައްދުން އެކަނިވެސް މިދިޔަ އަހަރު ލޮލު ރޯގާގެ 4723 ކޭސް ރިޕޯޓްކޮށްފައިވާކަމަށެވެ. ވަކި ވަކި އަތޮޅުތަކަށް ބަލާއިރު، މި ބަލިޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ. އަތޮޅުންނެވެ. ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅާއި، ލ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ފުވައްމުލައް ސިޓީންނެވެ.

އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ ކޭސްތައް:

• ރ. އަތޮޅުން : 1252 ކޭސް
• ހދ. އަތޮޅުން : 1194 ކޭސް
• ލ. އަތޮޅުން : 819 ކޭސް
• ބ. އަތޮޅުން : 661 ކޭސް
• ފުވައްމުލައް ސިޓީ: 496 ކޭސް

ލޮލު ރޯގާ ބަލި ފެތުރޭ މިންވަރު އިތުރުވާން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ދެވަނަ ހަފްތާއިން ފެށިގެންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ދެވަނަ ޓާމް ބަންދުގައި ލޮލުރޯގާގެ ކޭސްތައް އިތުރުވުމާ ގުޅިގެން ޗުއްޓީއަށް ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުމުގައާއި ގޭގެއަށް ޒިޔާރަތްކުރުމުގައިވެސް ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ލޮލު ރޯގާއަކީ ލޮލަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ލޮލު ރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށް އަރާ މިބަލި ކޮންމެ އުމުރު ފުރައެއްގެ މީހަކަށްވެސް ޖެހިދާނެއެވެ. ވަރަށް ތުއްތު ކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

އެޗް.ޕީ.އޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ބަލީގެ އަލާމަތްތައް ދުރާލައި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމުކަން ފާހަގަކޮށްފައެވެ.

ލޮލު ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ބަލިޖެހިފައިވާ މީހުންނާއި ކުދިން ގޭގައި މަޑުކުރުން އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
• ބަލިޖެހިފައިވާ މީހުން ލޮލުގައި އަތްލުމަކީ މިބަލީގެ ޖަރާސީމު އަތަށް ވާސިލުވެ ބަލި ފަސޭހައިން ފެތުރޭ ކަމަކައް ވާތީ، ވީވަރަކުން
ލޮލުގައި އަތްނުލުން
• ބަލިޖެހިފައިވާ މީހެއްގެ ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލެވިއްޖެނަމަ، އެހެންތަނެއްގައި އަތްލުމުގެ ކުރިން ރަނގަޅަށް
ސައިބޯނިލައިގެން އަތްދޮވުން
• ބަލިޖެހިފައިވާ މީހާގެ ތުވާލި ފަދަ ތަކެތި ވަކިން ގެންގުޅުން
• ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން

އެޗް.ޕީ.އޭއިން ވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޚީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.