ޚަބަރު

ޑީކޯވާ މީހުންނަށް ފަރުވާ ދޭ ފުރަތަމަ ހޮސްޕިޓަލަކަށް އޭޑީކޭ


ފީނަން ދާ މީހުން ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމުގެ ސަބަބުން ފަރުވާ ދޭނެ ޗެމްބަރުތަކެއް ބަހައްޓާ އެ ޚިދުމަތް، އޭޑީކޭ ހޮސްޕިޓަލުން ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގައި ހޮސްޕިޓަލެއްގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓްގެ ޚިދުމަތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމު ވިދާޅުވީ، ރާއްޖެ މަޝްހޫރު ވެފައި ވަނީ ޑައިވް ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައިކަމަށާއި ޑީކޯ ޗެމްބަރަކީ ޑައިވް އިންޑަސްޓްރީއަށް ވަރަށް ބޭނުންތެރި އެއްޗެއްކަމަށެވެ. ޚާއްސަކޮށް ޓޫރިޒަމްގެ ޑިމާންޑް ބޮޑުވަމުން އަންނައިރު، މާލެ ސަރަހައްދުގައި ޗެމްބަރެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ފަހަރު ކަމެއް ވެގެން ޓޫރިސްޓަކު ގެންދަން ބަލާއިރު ޗެމްބަރު މަސައްކަތް ނުކުރާ ހާލަތު އަތުވެދާނެ. އެކަމަކު ހޮސްޕިޓަލަކާ އެޓޭޗު ވެގެން ނުހުންނަ ތަނެއް ވިއްޔާ އެ ތަން މެނޭޖުކުރަން ވަރަށް ބޮޑު ކޮސްޓެއް އެބަދޭ. މިއީ އޭޑީކޭއިން މަންފާ ހޯދުމަށް ދޭން ފަށާ ޚިދުމަތެއްގެ ގޮތުގައެއް ނުދެކެން. އޭގެ ބަދަލުގައި ޑައިވަރުންގެ ސޭފްޓީއަކަށް ދޭ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް ހައިޕަބެރިކް އޮކްސިޖެން ޗެމްބާސްތައް ސިފަވީ ހީލިންގ މެޝިނެއް ގޮތަށް" މިނިސްޓަރ ޑރ. މަޢުޞޫމު ވިދާޅުވިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ހޮސްޕިޓަލެއްގައި މިފަދަ ތެރަޕީދޭ ޔުނިޓެއް ޤާއިމުކުރުމަކީ ޑޮކްޓަރުންނަށާއި އެހެން އާންމު ރައްޔިތުންނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.

އެގޮތުން އޭ.ޑީ.ކޭއިން ހައިޕަބެރިކް ތެރަޕީގެ ޚިދުމަތް ލިބޭނީ ހަމައެކަނި ފީނަން ގޮސް އުޅޭއިރު ދިމާވާ ހާދިސާތަކުން ކުރިމަތިވާ ކަންތައްތަކަށް އެކަނި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނިޔާފް ވިދާޅުވީ، ރިސޯޓުތަކުން އަވަހަށް ފަރުވާ ދިނުމަށް ތަފާތު ދަތިތައް ދިމާވާ ކަމަށެވެ. ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުމުން ރަނގަޅު އިންތިޒާމެއްގައި އަދި މީހުންގެ އިތުބާރާއެކު ފަރުވާ ދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހަށިގަނޑުގައި ހުންނަ ފާރުތައް ފަސޭހަކޮށްދީ ހަށިގަނޑުގައި ހުންނަ ޖަރާސީމު ނައްތާލުމަށް ވެސް މި ޗެމްބާސް ބޭނުންކުރެވޭނެ. ހަމައެކަނި ތަފާތުވާނީ އެކި ކަންކަމަށް ބޭނުންކުރާ ޓްރީޓްމެންޓުތައް ތަފާތުވުން،" ޑރ. ނިޔާފް ވިދާޅުވިއެވެ.

ޑީކޯ ޗެމްބަރު ބޭނުންކުރުމަށް އޭ.ޑީ.ކޭ އިން ވަނީ 3 ޑޮކްޓަރަކު ސިންގަޕޫރުން ތަމްރީންކޮށްފައެވެ. އަދި ނަރުހުންނާއި ފަންނީ މީހުންވެސް މިކަމަށް ތަމްރީންކޮށްފައިވެއެވެ.

ހައިޕަބެރިކް ޓްރީޓްމެންޓް ދެނީ ފީނަން ދާ މީހުން ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)ވުމުގެ ސަބަބުންނެވެ. ޑީކޯ ވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ރާއްޖޭގައި ދިމާވެފައިހުރި ކަމެކެވެ. މި މައްސަލަ ދިމާވަނީ ފީނަން ޖެހޭ މިންވަރަށްވުރެ އަޑިއަށް ފީނައިގެން އިންސާނާގެ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ގެއްލުންތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ.

ނަމަވެސް މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެއެވެ. އެހާ އަޑިއަށް މަސްވެރިން ދަނީ 30 މީޓަރަށް ދާން ޚާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ. މި ވަގުތު ޑީކޮމްޕްރެޝަން ޗެމްބަރު ބައެއް ރިސޯޓުތަކުގައިވެސް އެބަހުއްޓެވެ. ނަމަވެސް ބައެއް ފަހަރު ޗެމްބަރުތައް ހަލާކުވެ އެކި ކަހަލަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.