ޚަބަރު

ވިލިނގިލީ ބަނދަރާއެކު އެރަށުގެ މަސްވެރިންނާއި ކޫއްޑޫއަށް މަސްކިރާ ދޯނިތަކަށްވެސް ލުޔެއް


ދެކުނުގެ މަސްވެރިކަމުގައި ފާހަގަކުރެވޭ އެއް ރަށަކީ ގއ. ވިލިނގިއްޔެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ 22 ދޯނި އެރަށުގައި އޮންނައިރު ކައިރީގައި އޮންނަ ކޫއްޑޫއަށް މަސްކިރުވުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން އަންނަ ދޯނިތަކަށްވެސް ވިލިގިއްޔަކީ މުހިއްމު ރަށެކެވެ.

ދެކުނުގެ މަސްވެރިކަމުގައި މުހިއްމު އެއް ރަށަށް ގއ. ވިލިގިނލި ވީނަމަވެސް އެރަށުގެ މަސްވެރިންނަށާއި އެރަށަށް އަންނަ މަސްވެރިންނަށްވެސް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިލިގިނލީ ކައުންސިލުން ވިދާޅުވީ، ބަނދަރުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް މީގެ ކުރީގެ ސަރުކާރުތަކުން ކުރިނަމަވެސް އޭގެ ސަބަބުން އެދެވޭ ބަދަލެއް އައިސްފައެއް ނުވާކަމަށެވެ. އަދި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ވިލިނގިލީ ބަނދަރުގެ މަސައްކަތް އޮތީ މިދިޔަ އަހަރުތަކުގައި ހުއްޓިފައިކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން މިހާރުވަނީ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، އެރަށުގެ ބަނދަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިކަމަށެވެ.

ވިލިނގިލީ ކައުންސިލުން ވިދާޅުވީ، ބަނދަރުގެ މަސައްކަތަކީ އެރަށުގެ ރައްޔިތުންގެ އެތައް ދުވަހެއްވީ އުއްމީދެއްކަމަށެވެ. އަދި ރަށުގެ އިޤްތިޞާދާއި ސީދާގޮތުން ގުޅިފައިވާކަމެއްގެ ގޮތުގައި ކައުންސިލުން މިކަން ފާހަގަކުރައްވައެވެ.

މިގޮތުން މިހާރުވެސް 22 މަސްދޯނީގައި މަސްވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެރަށުގައި މަސްވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ބަނދަރު ވަރަށް މުހިއްމެވެ. ހަމައެއާއެކު ކޫއްޑޫއަށް މަސްކިރުވުމަށް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އަންނަ ދޯނިތައް މަޑުކޮށްލުމަށް ވަރަށް ގިނައިން ވިލިނގިއްޔަށް އައިނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާއެކު އެފުރުޞަތު ތަނަވަސްކުރެވޭނެ މަގެއް މިވަގުތު ނެތްކަން ކައުންސިލުން ފާހަގަކުރެއެވެ.

އެހެންކަމުން ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ވިލިނގިލީގެ މަސްވެރިންކަން ފުޅާކުރެވި، އެރަށަށް އަންނަ މަސްދޯނިތަކަށްވެސް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވިލިނގިލީ ކައުންސިލާއި ރައްޔިތުންގެވެސް އުއްމީދެކެވެ.

މި މަޝްރޫޢުގެ ދަށުން 59،530 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް، 275 މީޓަރުގެ ބޭރުތޮއްޓެއްލާ، 613 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 685 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށްވެސް މި މަޝްރޫޢުގެ ދަށުންވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 114.33 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.